ވ. ރަކީދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ހުކުމް އިއްވުން އަނެއްކާ ވެސް ފަސްކޮށްފިއެވެ.

ދަޢުލަތުގެ ފަރާތުން ވ. ރަކީދޫ، ލައިޓްހައުސް، އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް ދައުލަތުން ކުރަނީ ދެ ދައުވާއެވެ. އެއީ ގަސްދުގައި ކުއްޖަކު މެރުމުގެ ދަޢުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެކެވެ. މި ދެ ދައުވާ އަށް އާފިޔާ އިއުތިރާފްވެ ކަން ހިނގި ގޮތް ޝަރީއަތުގެ މަޖިލިހުގައި ކިޔައި ދިން އިރު، ފަހުން ބޭއްވި ޝަރީއަތުގެ މަޖިލިހުގައި އޭނާ ވަނީ ކުށަށް އިންކާރު ކުރާ ކަމަށެވެ.

އެކަމަކު، ވަކީލަކު ބޭނުން ނުވާ ކަމަށް ޝަރީއަތުގެ މަޖިލިހުގައި ވަނީ ބުނެފައެވެ.

މި މައްސަލައިގައި ބޭއްވި ޝަރީއަތުގެ މަޖިލިހުގައި ދައުލަތުން އާފިޔާ އަށް ހަމަޖައްސައި ދިން ވަކީލް އައިމިނަތު ރުކްޝާނާ އިބްރާހިމް ވިދާޅުވީ އަޑުއެހުންތައް ނިންމާލި ފަހުން ފަހުން ވަކީލަކު ބޭނުންވާ ކަމަށް އާފިޔާ ބުނެފައިވާ ކަމަށެވެ. އެހެންވެ، ހުކުމް އިއްވުމުގެ ކުރިން އެ މައްސަލަ ދިރާސާ ކުރުމަށް އޭނާ އެދިވަޑައިގަތުމުން މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ވަނީ ޖަވާބުދާރީވާން 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

އަދި ވަކީލެއްގެ އެހީ ބޭނުންވޭތޯ ސުވާލު ކުރުމުން އާފިޔާ ބުނީ އެކަން ކުރަން ބޭނުންވާ ކަމަށެވެ.

އެހެންވެ، ގާޒީ ނިންމެވީ އެ މައްސަލައިގައި ޖަވާބުދާރީވުމަށް އާފިޔާ އަށް ވެސް އިތުރު ފުރުސަތެއް ދިނުމަށް އަޑުއެހުމެއް ބޭއްވުމަށެވެ. އަދި އެ އަޑު އެހުމަށް ފަހު އަންނަ މަހު އެ މައްސަލައިގައި ހުކުމް ކުރާ ގޮތަށް ގާޒީ ނިންމެވިއެވެ.

ދައުލަތުން ބުނި ގޮތުގައި އިބްތިހާލް މަރުވެފައި ވަނީ އޭނާ ނޭވާ ހާސްކުރުމުން ކަމަށާއި އާފިޔާ އިބްތިހާލްއަށް އަނިޔާ ކޮށް، އިހުމާލުވާ ކަމާއި، އާފިޔާގެ އެހެން ދަރިންނާއި އިބުތިހާލް އާއި ތަފާތުކުރިކަން ހެކިންގެ ހެކިބަހުން އެނގޭ ކަމަށް ބުނެފައެވެ. އަދި އެކަން ދައުލަތުން ހުށަހަޅާފައިވާ ޝަފަވީ އަދި ކިތާބީ ހެކިތަކުން އެނގޭކަން ދައުލަތުން ފާހަގަ ކުރެއެވެ.

އެހެންކަމުން މި މައްސަލާގައި އާފިޔާއަށް ދެވެން އޮތް އެންމެ ބޮޑު ހަރުކަށި އަދަބެއް ދިނުމަށް ދައުލަތުގެ ފަރާތުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލޮލް

    ދައުވާ އަށް ދެކޮޅުހަދާނެ އިތުރު މުކައްލަފަކު ނެތް މައްސަލައެއްގައި އަމިއްލަ އިއުތިރާފު ޝައްކެއް ނެތް މިންވަރަށް އޮއްވައި ހުކުމް ނުކުރެވެންވީ ސަބަބު ރައްޔިތުންނަށް ކިޔާދީ...ގިސާސް ނުހިފުނަސް ތަޢުޒީރު ކުރެވޭނެ