(އައްޑޫ ސިޓީ، ހިތަދޫ) ސަރުކާރުގެ ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް، ޒިންމާދާރުކަމާއެކު ފުޅާ ދާއިރާއެއްގައި މުޅި ރާއްޖޭގައި ހިންގުމަށް ކޮންމެ ރަށެއްގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ހިންގާ ކޮމިޓީތަކުގެ ތެރެއިން އައްޑޫ ސިޓީ ހިތަދޫގެ ކޮމިޓީ އެކުލަވާލައި، އެ ކޮމިޓީގެ ރައީސަކަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ކަނޑައަޅައިފިއެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައި ސްޓީރިން ކޮމިޓީއެއް އެކުލަވާލަން އިދިކޮޅު ކޯލިޝަނުން ނިންމާފައިވާއިރު އެންމެ ގިނަ މެންބަރުން ކަނޑައަޅާފައި ވަނީ އައްޑޫގެ ހިތަދޫ ކޮމިޓީއަށެވެ. މާލެ ނެގުމަށް ފަހު ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ހިތަދޫގެ ކޮމިޓީއަށް 21 މެންބަރުން އިންތިހާބުކޮށްފައިވެއެވެ.

ހިތަދޫ ޕީޕީއެމް-ޕީއެންސީގެ ސްޓީރިން ކޮމިޓީގެ ރައީސަކަށް މޯޑު އިންތިޚާބުވެވަޑައިގެންފައި ވާއިރު، މި ކޮމިޓީގެ ދެ ނައިބު ރައީސުންގެ ގޮތުގައި އިންތިޚާބު ވެފައިވަނީ ޖެނީހު ރަޝީދާއި ތޯހާ ޔާސީން ރަމަޟާން އެވެ. މި ކޮމިޓީއަކީ އިދިކޮޅު ސިޔާސީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ހިތަދޫ ގިނަ އަދަދެއްގެ ޒުވާނުންނަށް ފުރުސަތު ދީގެން އެކުލަވާލާފައިވާ ކޮމިޓީއެކެވެ.

އަލަށް އުފެއްދި އިދިކޮޅު ކޮމިޓީއާއި ގުޅޭގޮތުން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން މެޓްރިކްސް މޯޑް ވިދާޅުވީ މި ކޮމިޓީން މި ސަރުކާރު ފެއިލްވެފައި މިންވަރާއި ޒިންމާ އަދާ ކުރަމުން ނުދާކަން ހިތަދޫ ރައްޔިތުންނަށް އަންގައިދިނުމާއި އަންނަން އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހިތަދޫގެ ގޮނޑިތައް އިދިކޮޅު ކޯލިޝަނަށް ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ހިތަދޫގެ ކޮންމެ ރައްޔިތެއްގެ ހާލަތު ބަލާނަން، ހިތަދޫގެ ކޮންމެ ރައްޔިތަކަށް ސާފުކޮށްދޭނަން، ކޮބައިކަން ސަރުކާރުގެ ޒިންމާއަކީ، ކޮބައިކަން ކައުންސިލްގެ ޒިންމާއަކީ، އެ ޒިންމާ އަދާ ކުރަމުން ނުދާ ކަން، މި ކޮމިޓީ ވާނީ ހިތަދޫގައި ގާއިމް ކުރެވޭ ޕީޕީއެމްއާއި ޕީއެންސީގެ ހާއްސަ ލީޑާޝިޕްއަކަށް،" މޯޑް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަނިކޮށް އަނބުރާ ވެރިކަމަށް ގެނައުމަށް މުޅި ކޯލިޝަނުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިތަދޫގެ ކޮމިޓީ ވެސް ބައިވެރިވާނެ ކަމަށް މޯޑު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަމުގެ ފުރަތަމަ ފިޔަވަޅަކަށް ވެސް އޮތީ އަންނަ ކައުންސިލް އިންތިހާބު އިދިކޮޅަށް ކާމިޔާބުވުމެވެ.

މޯޑް ދެކެވަޑައިގަންނަވާ ގޮތުގައި އިދިކޮޅު ކޯލިޝަންގެ ހިންގުން ލާމަރުކަޒު ކުރެވި ހިތަދޫގައި ވެސް ބޮޑު ކޮމިޓީއެއް އެކުލެވިފައި އޮތުމުގެ ސަބަބުން އަންނަ އިންތިހާބަކީ ބަދަލެއް ފެނިގެންދާނެ އިންތިހާބެއް ކަމަށެވެ. އަދި އައްޑޫގެ ގިނަ ރައްޔިތުން މިއަދު ތިބީ އަދުގެ ސަރުކާރާ މެދު ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މޯޑަކީ 17 ވަނަ މަޖިލީހުގައި ހިތަދޫ މެދު ދާއިރާ ތަމްސީލް ކުރެއްވި މެންބަރެވެ. އޭރު އޭނާ ހުންނެވީ އެމްޑީޕީގައެވެ. ފަހުން އެމްޑީޕީން ވަކިވެވަޑައިގަތުމަށް ފަހު ޕީޕީއެމްއަށް ވަޑައިގަތީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ނިޔަތް އޮތް ސިޔާސީ ޕްލެޓްފޯމަކީ އެއީ ކަމަށް އޭނާ ވިދާޅުވެއެވެ. މޯޑަކީ އައްޑޫގައި ސިޔާސީ ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ބޭފުޅާއެވެ.

އިންތިހާބުތަކުގައި އައްޑޫ ސިޓީގެ ދާއިރާތައް ކާމިޔާބު ކޮށްފައި އޮތީ މިހާރު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއަށެވެ. އައްޑޫ ސިޓީ ކައުންސިލަކީ އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލަކަށްވާއިރު، ރައްޔިތުންގެ މަޖިލީހުގައި އައްޑޫގެ ހަތް ދާއިރާ ވެސް ތަމްސީލް ކުރައްވަން ތިއްބެވީ އެމްޑީޕީގެ މެންބަރުންނެވެ. ނަމަވެސް ވެރިކަންކުރާ ކޯލިޝަނުގެ މައި ޕާޓީއަށް އައްޑޫން ހުރިހާ ބާރެއް ލިބިދީފައި ވީނަމަވެސް، އައްޑޫގެ ތަރައްޤީއާއި ކުރިއެރުމަށް އެއްވެސްކަހަލަ ބަދަލެއް މި ސަރުކާރުގައި އައިސްފައި ނުވުމަކީ މިހާރު ގިނަ ބައެއްގެ ޝަކުވާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ހަގީގަތުގައި ތިތިބަ އެންމެންނަކީ އަޑިއަޑިން އެމްޑީޕީ ގެ ސަޕޯޓަރުން، އައްޑޫ ހުޅުޖަހަން ބޮޑުބައި ކުޅުނު މީހެއް ތި މޯޑުއަކީ، އޭރު އޭނާއަކީ ރީނދޫ ޕާޓީގެ މެންބަރެއް، ހުޅުޖެހި މައްސަލަ އޮއްބާލުމަށްޓަކަ ތީނަ ޕާޓީ ބަދަލު ކުރީ ޕީޕީއެމްއަށް، މިކަހަލަ މީހުންނަކީ އެއްވެސް ޕާޓީއަކަށް ވައްދަން ހެޔޮވާވަރުގެ ބައެއްނޫން

    32
    5
  2. Anonymous

    ތީ ހުސް މަތިމަތިން ޔާމީން ޕާޓީވެގެން އުޅޭ މީހުން

    32
    4
  3. އައްޑޫ ތަކުރު

    ތީ ހުސް ފެއިލިއަރުން. މޯޑް ނިމިދިޔަ މަޖްލިސް އަށް ކުރިމަތިލީމަ ލިބުނީ ކިތައް ވޯޓުކަަން ޖަހާލިނަަމަ.

    24
    4
  4. ފ

    ތީ ޕީޕީއެމް ، ޕީއެންސީން ، އަޅާ ޅައެއްޗެއް. ތި ފަދަ ކަންކަމަށް ހޮވަން ޖެހެނީ ސީދާ ޕިއޯ ، ޕީޕީއެމް މީހުން..ތިތާ ތިހިރަ އިސްމީހާ ޔާމީނަށް ލޯޔަލް ވާނެ ކަމާއި މެދު ޝައްކު..

    25
    2