ލ.ފޮނަދޫ އިން ފެށިގެން ގަމަށް އޮންނަ ލިންކް ރޯޑްގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެއެވެ. އަނިޔާވި ދެމީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ފޮނަދޫ ބަރާސިލް އަވާށުން ލިންކް ރޯޑްގައެވެ.

އެކްސިޑެންޓު ހިނގީ ލިންކް ރޯޑުން އެއް ކޮޅަށް ދުއްވާފައި ދިޔަ ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ސިގްނަލް ނާޅާ ކުރިއަރަން އުޅުމުގެ ތެރޭގައި ދެސައިކަލް ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއްވީ ކުރީގައި އޮތް ސައިކަލް ދުއްވަން އިން މީހާ އަށް ކަމަށް މައުލޫމާތު ލިބެއެވެ.

އޭނާގެ ބޯ ފަޅައިގެން ގޮސް އެކިވަރުގެ އިތުރު އަނިޔާތައް ވެސް ވަނީ ވެފައެވެ. އޭނާ އަށް ގަމު ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

މި އެކްސިޑެންޓާއި ގުޅޭގޮތުން ފުލުހުން އަދި މައުލޫމާތު ހާމައެއް ނުކުރެއެވެ.