ސަރުކާރު ކޯލިޝަންގެ ތިން ވަނަ އަށް އެންމެ ބޮޑު ޕާޓީ، އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބު މި މަހުގެ 23 ގައި ބޭއްވުމަށް ނިންމައިފިއެވެ.

އަދާލަތު ޕާޓީން ބުނީ އެ ދުވަހު އޮންނަ ރިޔާސީ އިންތިހާބަކީ އެ ޕާޓީގެ ދުސްތޫރުގެ 41.1 ވަނަ މާއްދާގެ (ށ) އަދި 41.3 ވަނަ މާއްދާގެ (ނ) ގެ އެއް ވަނަ ނަންބަރުގެ ދަށުން، ޕާޓީގެ ތިން ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ އިންތިހާބެއް ކަމަށެވެ.

އެ ޕާޓީގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމާއެކު ހުށައަޅަން ޖެހޭ ލިޔެކިޔުން މި މަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން އެ ޕާޓީގެ މައި އޮފީހަށް ހުށަހެޅުމަށް އަދާލަތުން ވަނީ ބުނެފައެވެ.

ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމްގެ ލިންކް: bit.ly/3rJzPzG

ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުންގެ ކުށުގެ ރިކޯޑް ބެލުމަށް އެދޭ ފޯމްގެ ލިންކް: bit.ly/2WZfVmf

އަދާލަތު ޕާޓީގެ ރައީސާ ނައިބު ރައީސް ހޮވުމަށް އިންތިހާބު ބާއްވާ އިރު، މިދިޔަ މަހުގެ 19 ވަނަ ދުވަހު އެ ޕާޓީގެ ދާއިރާތަކުގެ ރައީސުންގެ އިންތިހާބު ވަނީ އޮންލައިންކޮށް ކުރިއަށް ގެންގޮސްފައެވެ.