އަދާލަތު ޕާޓީގެ ރައީސް ކަމާއި ނައިބު ރައީސް ކަމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް އިސްލާހު ކުރާއިރު، އެ މަގާމުތަކަށް ކުރިމަތިލުމަށް ވުރެ މި ދުވަސްވަރު އިސްކަން ދެއްވަނީ ކިޔެވުމަށް ކަމަށް އަދާލަތު ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ ދުސްތޫރު އޮންނަ ގޮތުން އެ ޕާޓީގެ ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވެނީ ފިރިހެނުންނަށެވެ. އެކަމަކު ނައިބު ރައީސް ކަމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް ދުސްތޫރު އިސްލާހުކޮށްފައިވާއިރު ރައީސް ކަމަށް ވެސް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް އެ ޕާޓީގެ ރައީސް ކަމުގައި މިހާރު ހުންނެވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ މިއަދު ވިދާޅުވެފައިވެއެވެ.

ބާ ކައުންސިލްގެ އެކްސްކޯ މެންބަރު ކަމުގައި ވެސް ހުންނެވި ގާނޫނީ ވަކީލް އަނާރާ ނައީމް "ވަގުތު" އަށް ވިދާޅުވީ މި ދުވަސްވަރު އޭނާ ގެންދަވަނީ ޕީއެޗްޑީއަށް ކިޔަވައި ވިދާޅުވުމަށް ތީޒީސް ނިންމެވުމުގެ މަސައްކަތުގައި ކަމަށެވެ. އެހެންކަމުން މި ދުވަސްވަރު ޕާޓީގެ ހަރަކާތްތަކުގައި ނޫޅުއްވެވޭ ކަމަށް އަނާރާ ވިދާޅުވިއެވެ.

އަނާރާ މިހެން ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ހުންނެވިތޯ "ވަގުތު" އިން ސުވާލު ކުރުމުންނެވެ.

އަނާރާގެ އިތުރުން ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ފަދަ ސިޔާސީ ގޮތުން ހަރަކާތްތެރި އަންހެން ބޭފުޅުން އަދާލަތުގައި ތިއްބެވިއިރު އެ ޕާޓީގެ ރައީސް ކަމަށް އަދި ނައިބު ރައީސް ކަމަށް ވެސް ޝައުގުވެރިވާ ކަމަށް މިހާތަނަށް އެއްވެސް އަންހެން ބޭފުޅަކު ހާމައެއް ނުކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަނު

    މިހާރު އިމްރާން އަންގާފައި ހުންނާނީ ކުރިމަތި ލައިގެން ނުވާނެކަމަށް. އެހެންވެ އެވާހަކަ ދައްކަން ނުކެރިގެން އެއުޅެނީ.....