ގއ. ދެއްވަދޫގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ވަކި ތަރުތީބެއް ނެތި (ރެންޑޮމް)ކޮށް 200 ސުންކު (ސާމްޕަލް)ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ދެއްވާދޫގެ ރައީސް އިބްރާހިމް ތައުފީގު ވިދާޅުވީ، މޮނީޓަރިންގެ ހާލަތަށް ރަށް ގެނެވިފައި ވީނަމަވެސް ރަށުގެ އާންމު ހާލަތު ރަނގަޅު ކަމަށެވެ. އަދި ރަށު ރައްޔިތުން ކައުންސިލްގެ އެންގުންތަކަށް ފުރިހަމައަށް ބޯލަބާ ކަމަން ފާހަގަކުރެއްވިއެވެ.

ތައުފީގު ވިދާޅުވި ގޮތުގައި ރަށުގެ ހާލަތު ދެނެގަތުމަށް ވަކި ތަރުތީބެއް ނެތި ނަގާ ސުންކު ނަގަން ފަށާފައި ވަނީ މިއަދު އިރުއޮއްސި ހައެއް ޖެހުމަށް ފަހުއެވެ. އަދި މިހާތަނަށް ހަތް ސުންކެއް ނަގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ގާތްގަޑަކަށް މިރޭ 40 އަކަށް ސުންކު ނަގާނެ. 200 ސުންކު މުޅި ޖުމްލަ ނަގާނެ ކަމަށް މިބަލަނީ. މި ބަލަނީ މިރެއިން މިރެއަށް މާލެއަށް ފޮނުވައިގެން ނިމޭތޯ" އޭނާ ވިދާޅުވިއެވެ.

ތައުފީގު ވިދާޅުވި ގޮތުގައި އެރަށުން މިހާރު ވަނީ 10 މީހެއް ކޮވިޑް-19 އަށް ފައްސިވެފައެވެ. ފައްސިވި މީހުންގެ ތެރެއިން ދެއަހަރުގެ ކުއްޖާ ފިޔަވައި ދެން ހިމެނެނީ އެހެން ގެތަކުގައި ދިރިއުޅޭ މީހުންނެވެ. ދެއަހަރު ކުއްޖާ އާއިއެކު ކަރަންޓީންވި އެއްވެސް މީހަކު އަދި މިހާތަނަށް ފައްސިވެފައެއް ނުވެއެވެ.

ފައްސިވި 10 މީހުންގެ ތެރެއިން ހަތް މީހަކީ އިއްޔަ ފައްސި ވެފައިވާ މީހުންނެވެ. އަދި ބާކީ ތިން މީހަކީ ކުރިން ބައްޔަށް ފައްސިވެފައިވާ މީހުންކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ 13,967 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު