މިއަދު އިރުއޮއްސި 18:00 އާއިހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 25 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 15 މީހުން ފައްސިވީ މާލެ އިންނެވެ.

މިރޭ ލ.އަތޮޅު ފޮނަދޫން ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވީނަމަވެސް އެޗްޕީއޭ އިން މިރޭ އާއްމު ކުރި މައުލޫމާތުގެ ތެރޭގައި އެމީހުން ހިމަނާފައެއް ނުވެއެވެ. އެއީ އެމީހުންގެ ނަތީޖާ ލިބިފައި ވަނީ މިރޭ 18:00 ގެ ފަހުން ކަމަށް ވާތީއެވެ.

އެޗްޕީއޭ އިން އާއްމު ކުރި މައުލޫމާތައް ބަލާއިރު މިއަދު މާލެ ފިޔަވައި ދެން ކޮވިޑް-19 އަށް ފައްސިވީ ހަމައެކަނި ރިސޯޓްތަކުންނެވެ. ރިސޯޓްތަކުން 10 މީހަކު މިއަދު ފައްސިވިއެވެ.

މިއަދު 29 މީހުން ބަލިން ރަނގަޅު ވުމުން އިއްޔެއަށްވުރެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ މަދުވެފައެވެ. އިއްޔެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 705 އެވެ. މިއަދު އެކްޓިވް ކޭސްތަކުގެ އަދަދަކީ 701 އެވެ.

މިހާރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވަމުން އަންނާތީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރު ވަމުންނެވެ. މިހާރު 47 މީހަކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އެބަގެންދެއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 14065 އަށް އަރާފައެވެ. އޭގެތެރެއިން 13308 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖެ އިން ކޮވިޑް-19 ޖެހިގެން މިހާތަނަށް ވަނީ 49 މީހުން ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު