މޫދަށް ކުނިއަޅާ ރިސޯތްތައް ޖޫރިމަނާކޮށް، ބަންދުކުރަން ޖެހިދާނެކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ދެއްވައިފިއެވެ.

ބޮންޑޭ އެގޮތަށް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ކޮމިޓީގައި ރިސޯޓްތަކުން ކަނޑަށް ކުނި އެޅުން ކުއްލިއަކަށް ނުހުއްޓޭނެކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ވިދާޅުވުމާއި ގުޅިގެންނެވެ.

އެގޮތުން ރިސޯޓުތަކުގައި އުފެދޭ ކުނީގެ ބާވަތްތަކުގެ ތެރެއިން ކާބޯތަކެތިން އުފެދޭ ކުނި މޫދަށް އެޅުން ހުއްޓުވައިފި ނަމަ ބޮޑެތި މައްސަލަތަކާއި ކުރިމަތިލާން ޖެހޭނެ ކަމުގައި މަޓީއިން ވިދާޅުވިއެވެ. އަދި އެއީ ޓޫރިޒަމް ދާއިރާއަށް، ހާއްސަކޮށް އެންވަޔަރްމެންޓް މިނިސްޓްރީން މާކުރިން ހަދާފައިވާ ގަވައިދަކުން އެ ގަވާއިދަށް ކުއްލިއަކަށް ބަދަލު ގެނެސްފި ނަމަ ރިސޯޓްތަކާއި ސަފާރީތައް ދުއްވާ ފަރާތްތައް ބަނގުރޫޓް ވެދާނެ ކަމުގެ ބިރުވެރިކަން އޮތް ކަމަށްވެސް މަޓީއިން ފާހަގަކުރެއްވިއެވެ.

މިވާހަކަތަކަށް ރައްދު ދެއްވަމުން ބޮންޑޭ ވިދާޅުވީ ފަޅުރަށްތަކުގައި ރިސޯޓު ހަދަން ދޫކުރީ ކުއްލިއަަކަށް ނޫންކަމަށެވެ. އަދި ކުނި މެނޭޖް ކުރުމާ ކުނިނައްތާލާނެ ވަސީލަތެއް ބޭނުން ކުރާނެ ކަމަށް ރިސޯޓު ހޯދުމަށް ބިޑްކުރާ ލިޔެކިޔުންތަކުގައި ހުންނާނެ ކަމަށް ވިދާޅުވިއެވެ.

"ކުނި މެނޭޖް ކުރުމާ ކުނި ނައްތާލާނެ ދުނިޔޭގައި ލެއްވި ހާ ވަސީލަތެއް ބޭނުން ކުރާނެ ކަމަށް ރިސޯޓު ހޯދުމަށް ބިޑް ކުރާ ލިޔެކިޔުންތަކުގައި މިނިސްޓްރީގައި ހުންނާނެ. ޖޫރިމަނާވެސް ކުރެވޭނެ. ރިސޯޓު ބަންދުވެސް ކުރެވޭނެ. ފަޅު ރަށްތަކުގައި ރިސޯޓު ހަދަން ދޫކުރީ ކުއްލިއަަކަށް ނޫން." ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭގެ އިތުރުން ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމްވެސް ވަނީ ރިސޯޓުތަކުގެ ކުނި މޫދަށް އަޅާ މައްސަލަ ހައްލު ކުރަން ގަވައިދަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ބައެއް ރިސޯޓުތަކުން 389 ޓަނުގެ ކުނި އުފައްދައެވެ. އަދި ކުނިވާ ޒާތުގެ 233 ޓަނުގެ ކުނި ދުވާލެއްގެ މައްޗަށް އުކާލާ ކަމަށް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީއިން 2006 ވަނަ އަހަރު ގެޒެޓު ކުރި "ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވައިދު" ގެ 5.3.3 ގައިވާ ގޮތުން ކައިރި ހިސާބެއްގައި ކުނި އުކާލާނެ ތަނެއް ނެތް ހާލަތެއްގައި ކުނި ކަނޑަށް އަޅަން ޖެހިއްޖެ ނަމަ ކަނޑަށް އުކާލެވޭނީ ކާބޯތަކެތީގެ ބާކީ ބަޔާއި އަމިއްލައަށް ނެތިފަނާވެދާ ފަދަ ތަކެއްޗެވެ. އަދި އެ ތަކެތި އުކާލަން ޖެހޭނީ އޮޔާއި ވަޔަށް ބަލައި، ރަށްރަށަށް ނުލައްގާ ގޮތަށް އަދި އަތޮޅުން ބޭރަށް ދާ ގޮތަށް ކަމަށް އެ ގަވައިދުގައިވެއެވެ.

މި ގަވައިދުން ބާރު ލިިބިގެން ގިނަ ރިސޯޓުތަކުން ކުނި އުކާ އުޅެނީ މޫދަށެވެ. އެހެންނަމަވެސް މިހާރު ކުނި އަޅަމުން ދަނީ ގުދުރަތީގޮތުންވެސް ގެއްލުން ވަމުންދާ މިންވަރަށް ކަމަށް ސަލީމް ވިދާޅުވިއެވެ.

ކޮމިޓީގައި ދެކެވުނު ވާހަކަތަކަށްފަހު މަޓީއިން ވަނީ ކުނި އުކައިލެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ފަހު ތިރީސް ދުވަހުގެ މުހުލަތެއްދީ، ކަނޑަށް ކުނި އެޅުން މަނާކުރުމަށް އެދިވަޑައިގަނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަދީމު

    އެޓޮމޮސްފެއަރ ކަނިފުށި އަވަހަށް ބަންދުކުރޭ! އެ ރިސޯޓުގެ ހުރިހާ ކުނިބުންޏާ ބާކީވާ ކާބޯތަކެއްޗާ ކުނިވެފަހުންނަ ތަރުކާރީއާ މޭވާ ، އަދި ފާޑުފާޑުގެ ފުޅިތަކާ ދަޅުތައްޑަސްބިންތަކަށް އަޅާ ދޯންޏަކަށް އަރުވައިގެން ހެނދުނު 7:30 ގައި ހުޅަގު ކަނޑަށްނުކުމެ މޭލެއްހައިދުރަށް ގޮސް އެތަނަށް ހުރިހާއެއްޗެއް އޮއްސާލާފަ ދެއަތްޖަހަމުން އާދެތެވެ. މިއީ އަހުރެމެން ކެޔޮޅުކަމު ނުކުންނައިރު ކޮންމެ ދުވަހަކު ފެންނަ ހުތުރު ހަޑި މަންޒަރެކެވެ.

    1
    1
  2. މއކ

    ހަހަހަ. ތިވާނެކަމެނޫން. ރިސޯޓުން ދޭނެ "ހަދިޔާ"

  3. އެލެކުސް

    ބޮންޑާ އަމާބުނިތީ ފަރަށްދަނީދޯ؟؟ ސަރުކާރުން ހުއްދަ ދީ ފާއޮތް ކަމެއްއެއީ ވަރަށް ސަލާމް

  4. ހަސަނު

    ނުކިޔަވާ މޯދަޑިން މަޖިލީހަށް ހޮވީމަ މިއޮތީ ވާނެ އެއްޗެއް ވެފައި. އެއްކަމެއްވެސް ނުވާނެ ތެޅިތެޅި ތިބެން ޖެހޭނީ.

  5. އ މ ރ ބ

    ބޮންޑޭގެ ކުފަންބޭބެ އަށް ހުކުމްކޮށް ޖަލަށްލާން ބޮންޑޭ ވެރިޔަކަށްހުރެ ކެރިދާނެބާ! ޔަޤީންތާ މިހާރު މި ސަރުކާރު ހިންގާގޮތާ ކަންކަންވާގޮތަށް ބަލާއިރު، އެއްގޮތަކަށްވެސް ތީ ވާނެކަމެއްނޫން، ބޮންޑޭއަށް ވަރަށް ސަލާމް