ކޮވިޑް-19 ފެތުރެމުން އަންނަ މި ދަނޑިވަޅުގައި މިސްކިތްތަކުގައި ބެހެއްޓިފައި ހުންނަ ހަތިމުތައް ބޭނުން ނުކުރުމަށް އިސްލާމިކް މިނިސްޓްރީން އެދިއްޖެއެވެ.

އެ މިނިސްޓްރީން މިގޮތަށް ވިދާޅުވެފައިވަނީ ކޮވިޑް-19ގެ މި ދަނޑިވަޅުގައި މިސްކިތްތަކަށް ވަޑައިގަންނަވާ ބޭފުޅުން އަމަލު ކުރަންވީ ގޮތް ހާމަ ކޮށް ނެރެފައިވާ ބަޔާނެއްގައެވެ. އެ ބަޔާނުގައި މިނިސްޓްރީން ވަނީ މި ދަނޑިވަޅުގައި މިސްކިތްތަކަށް ދާ ފަރާތްތަކަށް ސަމާލުކަން ދޭން ޖެހޭ ކަންތައްތައް ފާހަގަ ކުރައްވާފައެވެ.

އެގޮތުން މިނިސްޓްރީން ވިދާޅުވީ، މިސްކިތައް ދާ ފަރާތްތަކުން ދާން ވާނީ ގެއިން ވުޟޫ ކޮށްގެން ކަމަށާއި މުސައްލަ ގެންދާ ފަރާތްތަކުން ނަމާދު ކުރަން ޖެހޭނީ އެމީހެއްގެ މުސައްލަ މަތީގައި ކަމަށެވެ. މާސްކު އެޅުމާއި މިސްކިތައް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި މިސްކިތުގެ އެކި ތަންތަނުގައި ތިބުމުގެ ބަދަުގައި މިސްކިތައް ވަންނަ ގޮތަށް ފުރަތަމަ ސަފުން ފެށިގެން ފުރަމުން ދިއުމާއި، ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި، ރޯގާ ޖެހިފައިވާ މީހުންނާއި، ހުން އައިސްފައިވާ މީހުންނާއި، ކެއްސާ މީހުންނާއި އުމުރުން ދުވަސްވެފައިވާ މީހުން މިސްކިތަށް ނުދިއުން، ނަމާދު ނިމުމަށްފަހު މިސްކިތުގައި މަޑު ނުކުރުން، މިސްކިތުގައި އަދި މިސްކިތުން ބޭރުގައިވެސް އަތާ އަތްޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަމުން ދުރުވުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން މިސްކިތުގައި ބެހެއްޓިފައި ހުންނަ ހަތިމުތައް ބޭނުން ނުކުރުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މި ދަނޑިވަޅުގައި ކަމާއި ބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށާއި ފަރުޟު ނަމާދާއި ސުންނަތް ނަމާދުތައް ބަރާބަރަށް އަދާ ކުރުމަށާއި ޤުރުއާން ކިޔަވައި ﷲގެ ރަހުމަތުން މާޔޫސްނުވެ، ސަބަބު ތަކުގައި ހިފައި ފުރިހަމައަށް ﷲ ވަކީލުކޮށް ގިނަގިނައިން ދުއާކޮށް އަސްތަޣުފާރު ކުރުންމަތީ ދެމި ތިބުމަށް ހުރިހާ ރައްޔިތުންނަށްވެސް ނަސޭހަތްތެރިވާ ކަމަށެވެ.