ފުލުހުންގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އާންމުންގެ ދެ މީހުންނަށް ވުމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތައް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލާފައިވާ ކަން އިއުލާން ކުރައްވަމުން މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ދެ މަގާމަށް ކުރިމަތިލާން އެދޭ މީހުން ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 22 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހަޅަން އެދިވަޑައިގަންނަވާ ކަމަށެވެ.

ފުލުހުންގެ ގާނޫނުގައި އޮންނަ ގޮތުން ފުލުހުންގެ ބޯޑުގައި ތިބޭނީ މަޖިލީހުން ކަނޑައަޅާ އާންމުންގެ ދެ މީހުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ދެ މެންބަރަކާއި ފަންނީ ދާއިރާތަކުން ތިން މީހެކެވެ.

ރައީސް ނަޝީދު ވިދާޅުވީ އާންމުންގެ ފަރާތުން މި ބޯޑަށް ކުރިމަތިލައިގެން މަޖިލީހުން ކަނޑައަޅާ މީހުންނަކީ، މީގެ ނުވަ އަހަރު ކުރިން ފުލުހުންގެ ތެރެއިން ބަޔަކު ދެއްކި ނުކިޔަމަންތެރިކަމުގެ އަމަލުތައް ތަހުގީގުކޮށް އޭގައި ބައިވެރިވި ފުލުހުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ. ރައީސް ނަޝީދު އިޝާރާތް ކުރެއްވީ އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް އައި ދުވަހަށެވެ.

ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް އައީ އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާގައި ފުލުހުންނާއި ސިފައިންގެ ބަޔަކު ބައިވެރިވެ ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހު ރައީސްގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.

ރައީސް ނަޝީދު އަބަދުވެސް ތުހުމަތު ކުރައްވަނީ އެއީ "ބަޣާވާތެއް" ކަމުގައެވެ. އެކަމަކު އެ މައްސަލަ ތަހުގީގު ކުރަން އެކުލަވާލި ރިޔާސީ ކޮމިޝަންގެ ކޯނި ރިޕޯޓްގައިވަނީ އެމަނިކުފާނު އިސްތިއުފާ ދެއްވީ މަޖުބޫރު ކަމެއް ނެތި އަމިއްލަފުޅަށް ކަމަށެވެ. އެ ކޮމިޝަންގައި ބޭރުގެ ބައެއް ފަރާތްތަކާއި ރައީސް ނަޝީދުގެ މަންދޫބެއް ވެސް ހިމެނިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރިޒާ

    ޝަ ރުތު ޕްލީޒް

  2. ހެހެހޭ

    ޕާޓީ އެކްޓިވިސްޓުންކޮޅެއް އައްޔަނު ކުރަން ފެނޭ.

  3. މމސ

    ނިމުން ހިތިވާނެ ކަން ހަނދާންކުރާތި، އަދި ވެސް އެބައޮތް މިނޫން ދުވަހެއް ހިތުގައި ރޯވެފައިވާ ހަސަދާގެ އަލިފާން ދިވެހިން ނުކުމެ ރަނގަޅަށް ރޯކޮށްލާނެކަން ހަނދާނުގައި ބެހެއްޓުން މުހިންމު . ދެން އިރާދަކުރެވިއްޔާ ތިތަ ބުނާ ޑިމޮކްރަސީގެ އައްޕަ އަށް މިޤަމުގެ ވެރިކަމެއް ނުލިބޭނެ ވަރަށް ސަލާން

  4. އިމްރާން

    އެމް.ޑީ.އެން ގެ މައްސަލަތަށް ބެލޭނެ މީހަކުލުން ވަރަށްބޮޑަށް އެދެވިގެންވޭ.