ރާއްޖެއިން އިތުރު 192 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ރާއްޖެއިން މިއަދު ކޮވިޑަށް ފައްސިވި 192 މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 17101 އަށް އަރާފައެވެ.

މިއަދު ފައްސިވި 192 މީހުންގެ ތެރެއިން 154 މީހުން ފައްސިވެފައި ވަނީ މާލެ އިންނެވެ. އަދި ރިސޯޓްތަކުން 27 މީހަކު ކޮވިޑަށް ފައްސިވިއިރު، ރަށްތަކުން ފައްސިވެފައި ވަނީ 11 މީހެކެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވެފައިވާއިރު، އެ ބަލީގައި މިއަދުވެސް މީހަކު ވަނީ ނިޔާވެފައެެވެ. މިއަދު އެ ބަލީގައި ނިޔާވެފައި ވަނީ ވިލިނގިލި ފެސިލިޓީގައި ފަރުވާދެމުންދިޔަ 76 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާއަކީ ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި 56 ވަނަ މީހާ އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. ހާއްސަކޮށް މިހާރު އެންމެ ދެކުނުގެ ދެ ސިޓީއަކާއި، ރަށެއްގައި މުޖުތަމައު ތެރެއިން ވަނީ ބަލި ފެނިފައެވެ. މިއާއެކު އެ ރަށްރަށުގައި ކޮވިޑް ފެތުރިފައި އޮތްކަަމުގެ ބިރުވެރިކަން ބޮޑެވެ. އަދި މިހާރު އެ ރަށްތައް ވަނީ ކަރަންޓީންކޮށްފައެވެ.

ރާއްޖޭގައި ބަލި ޖެހިގެން މިހާރު ފަރުވާދެމުން ދަނީ 2216 މީހަކަށެވެ. މީގެ ތެރެއިން 204 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްތަކުގައެވެ. ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 14822 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަރީ

    މީހުން ކުރާ ފާފަތަކަށް ﷲގެ ކޯފާ އަންނާނީ އެކި ގޮތްގޮތަށް. ޚޮރޯނާއަކީވެސް ﷲ މީހުންނަށް އިންޒާރެއްގެ ގޮތުގައި ފޮނުއްވި ބައްޔެއް ކަމަށްވެސް ވެދާނެ. މިކަމުން ސަލާމަތް ނުވެވެނީސް މަޖްލިހުން ލަވަ އާއި މިއުޒިކް ހަލާލު ކުރަނީ. ވަގުތު ފާއިތު ނުވަނީސް އަވަހަށް އިސްލާހުވޭ، ތައުބާވާންވީ ވަގުތު މީ. އެހެން ނޫނީ މިއަށްވުރެ ބޮޑު ކޯފާއެއް ފޮނުއްވައިފާނެ