ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަށް އޭނާ އިންކާރު ކުރެއްވި އިރު، ޖިހާދުއާ ދެކޮޅަށް ހެކި ބަސް ދޭން ހެއްކެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ނަން ދައުލަތުން ހުށަހަޅުއްވައިފިއެވެ.

ރާއްޖޭގެ ނައިބު ރައީސް ކަމުގެ އިތުރުން ފިނޭންސް މިނިސްޓަރު ކަމާއި އެއްއެމްއޭގެ ގަވަރުނަރުކަން ވެސް ކުރެއްވި ޖިހާދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ކުށުގެ ދައުވާއެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވަޒީރުންގެ މަޖިލީހުން ފާސްކުރި ކަމެއް، ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމަކާ ނުލައި އެއާ ޚިލާފަށް އަމަލެއް ހިންގި ކަމަށް ބުނާ މައްސަލައެކެވެ.

މި މައްސަލައިގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ޖިހާދު ދައުވާއަށް އިންކާރު ކުރައްވާފައިވާތީވެ ދައުލަތުގެ ފަރާތުން ހުށަހަޅާ ހެކިންނާއި ހެކިތައް ވަނީ ހާމަކުރައްވައިފައެވެ. މި ގޮތުން އަދީބުގެ އިތުރުން ބައެއް މީހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެސެޓް ރިކަވަރީގެ ރިޔާސީ ކޮމިޝަނަށް ޖިހާދު ދެއްވާފައިވާ ބަޔާނާއި ވަޒީރުންގެ މަޖިލީހުގެ ބައެއް ލިޔުންތައް ހެކީގެ ގޮތުގައި ހުށަހަޅުއްވާނެ ކަން ދައުލަތުން ހާމަކުރެއްވިއެވެ.

ދިފާއީ ހެކި ހުށަހެޅުއްވުމަށް އިތުރު ފުރުސަތެއް ދެއްވުމަށް ޖިހާދު އެދިވަޑައިގަތެވެ. އެހެންކަމުން މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ވަނީ ތިން ދުވަހުގެ މުއްދަތެއް ދެއްވުމަށް ނިންމަވައިފައެވެ. އަދި މަދަނީ މިންގަނޑުން ބަލާއިރު ދައުލަތުން ހުށަހެޅި ހެކިތައް ހުށަހެޅޭނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ނިންމެވިއެވެ.

ޖިހާދުގެ ޕާސްޕޯޓު ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ހިފަހައްޓާފައި ވަނިކޮށް، ހައި ކޯޓުން މިދިޔަ މަހު ވަނީ އެ އަމުރު ބާތިލްކޮށްފައެވެ. އެ މަނިކުފާނުގެ ޕާސްޕޯޓު ހިފެހެއްޓީ ފިއްލަވަން އުޅުއްވާ ކަމަށް ތުހުމަތުކޮށެވެ. އެކަމަކު ޖިހާދު ވިދާޅުވަނީ އޭނާ ބޭރަށް ވަޑައިގަންނަވަނީ ބޭސްފަރުވާއަށް ކަމަށާއި އެނބުރި ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. މިހާރު ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި މި ހުކުމް އިސްތިއުނާފް ކޮށްފައިވެއެވެ.

ޖިހާދަށް ދައުވާ އުފުލާފައިވަނީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަ އެގްރިމެންޓެއް ހެދުމަށް ނޮވެމްބަރު 29، 2011 ގައި ވަޒީރުންގެ މަޖިލީހުން ނިންމި މައްސަލައާ ހިލާފަށް ޖިހާދު އަމަލު ކުރައްވާފައިވާ ކަމަށް ބުނާ މައްސަލައިގައެވެ.

މި ގޮތުން ފިނޭންސް މިނިސްޓަރުގެ މަގާމުގައި ޖިހާދު ހުންނަވައިގެން ވަޒީރުންގެ މަޖިލީހުގެ ނިންމުމާ ކަނޑައެޅިގެން ޚިލާފަށް، އެ ކަން އެގޮތަށް ކުރަން ޖެހިދާނެ އެއްވެސް ސަބަބެއް ނެތި، ޖެނުއަރީ 13، 2013 ގައި ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި، ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައި އޮތް %50 ގެ ބަދަލުގައި، ދިވެހި ދައުލަތުގެ %25 ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓަޑާއެކު އެއްބަސްވުމެއްގައި ސޮއިކުރެއްވި ކަމަށް ދައުލަތުން އުފުލާފައިވާ ދައުވާގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަލީ

    އަދީބާއި ޒިއަތަކީ ސަރުކާރުގެ 2 ހެކިން، މައްސަލައެއް ސާބިތުކުރުމަށް ބޭނުންވަނީ އެވަރަށް ހެކި، ބަދަލުގައި ދެމީހުން ޢިއްޒަތުގައި، ތި ދަޢުވާވެސް ސާބިތުވާނެ، މި ސަރުކާރު ބަދަލުވެގެންނޫނީ މިކަމުން ސަލާމަތްވާކަށް ނެތް، އެންމެންވެގެން އެކަންކުރަންވީ.