ގާނޫނަކަށް ބެލުމެއް ނެތި އިދިކޮޅު ފަރާތްތަކުން ޒުވާނުން މަގުމަައްޗަށް ނެރެގެން ދީފައިވަނީ ކެހި ކަމަަށް އެމްޕީއެކްގެ އެސިސްޓެންޓް ސީއީއޯ ރާބިހު މުހައްމަދު ވިދާޅުވެއްޖެއެވެ.

ރޭ ސަން ޓީވީ އިން ގެނެސް ދިން "50 މިނިޓް " ޕޮޮގުރާމުގައި ވާހަކަ ދައްކަވަމުން ރާބިހު ވިދާޅުވީ މިއަދު ޒުވާނުންނަކީ އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަކީ ގައުމު ބައިބައި ވުމަަށް އެއްގޮތަކަށް ވެސް އެއްބާރުން ދޭނެ ބައެއް ނޫން ކަމަށެވެ.

"16 ވަނަ ދުވަހުގައި ވެސް އަޅުގަނޑުމެންނަށް ވަރަށް ބައިވަރު އަޑު ތަކެއް އިވުނު ވަރަށް ބޮޑު ދުވަހެކޭ, އެކަމަކު އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ އެ ގޮވާލުމަށް އިޖާބަ ދީގެން ރާއްޖޭގެ އެއްވެސް ކޮޅަކުން ރައިޔުތުންނެއް އައިސްފައި ނުވާކަން" ރާބިހު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ރާއްޖެއާއި ދެކޮޅަށް ފިޔަވަޅު އެޅުމާއި ފަތުރުވެރިން ރާއްޖޭ ނައުމަށް ގޮވަމުންދާ ގޮވާލުން ތަކަަށް އިޝާރާތް ކުރަށްވާ ރާބިހު ވިދާޅުވީ ރާއްޖެއަކީ ބޮޑަށް އިންޕޯޓަށް ބަރޯސާވެފައި އޮތް ގައުމެއް ކަމަށާއި އަސާސީ ކިތައްމެ އެއްޗެއް މިޖެހޭނީ އިންޕޯޓް ކުރަން ކަމަށެވެ.

"ރާއްޖެއަކީ ބޭރު ދުނިޔެއާއި ގާތް ގުޅުމެއް އޮންނަން ޖެހޭ ގައުމެއް. އެގޮތުން ރާއްޖެއާއި އެންމެ ކައިރީގައި މިއޮތީ އިންޑިއާ, އިންޑިއާ އަކީ އަޅުގަނޑުމެންނަށް އެކި ގޮތް ގޮތުން އެހީ ވާ ގައުމެއް , އަސްލު ދިމާވެގެން އުޅޭ މައްސަލަ އަކީ ރައީސް ޔާމީންގެ ވެރިކަގެ ކުޑަ ދުވަސް ކޮޅެއް ތެރޭގައި މިއަންނަ ތަރައްގީ ހައްޖަމު ނުވުން" ރާބިހު ވިދާޅުވިއެވެ.