އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ހުސްވެފައިވާ އެ ކޮމިޝަންގެ މެންބަރު ކަމުގެ މަގާމަށް ޑރ. މުހައްމަދު ޒާހިރު އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން ރުހުން ދީފައެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި ޒާހިރު އެ މަގާމަށް އައްޔަންކުރަން ފާސްކުރީ 37 މެމްބަރުންގެ ވޯޓުންނެވެ.

އީސީގެ މެންބަރު ކަމުގެ މަގާމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ނަންތަކުގެ ތެރެއިން ޒާހިރަށް ރުހުން ދޭން، އެ ނަން ދިރާސާކުރި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ވެސް ވަނީ ނިންމައިފައެވެ.

ޑރ. ޒާހިރަކީ ކުރިން އީސީގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރެއްވި ޒާހިރު ލެކްޗަރާއެއްގެ ގޮތުގައި ގައުމީ ޔުނިވާސިޓީގައި ވެސް އޭނާ މަސައްކަތް ކުރައްވައެވެ.

އީސީގެ މެންބަރު ކަމުގެ މަގާމެއް ހުސްވެގެން ދިޔައީ އެ ކޮމިޝަންގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި އަހުމަދު އަކުރަމް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ އޭނާއަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް އަމާޒުވެ އެ ކަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބެލުމަށް ފަހު އޭނާ ވަކިކުރަން އެ ކޮމިޓީއިން ނިންމާފައިވަނިކޮށެވެ.

އީސީގައި ތިއްބަވަނީ ފަސް މެންބަރުންނެވެ. މިހާރު އެ ކޮމިޝަންގައި ތިއްބެވީ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްއާއި، ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބްއާއި ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގްއާއި، އަލީ ނަޝާތެވެ.

ކޮމިޝަންގެ ޒިންމާއަކީ ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި ރާއްޖޭގައި ހިންގާ ސިޔާސީ ހަރަކާތްތައް ރެގިއުލޭޓް ކުރުމާއި އިންތިޚާބުތައް ބޭއްވުމެވެ.