ޖިންސީ ފުރައްސާރަ އާއި ގޯނާގެ ބޮޑެތި ދައުވާތަކެއް އުފުލާފައިވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރާވަޑައިގެންނެވި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ އެޖެންޑާ އޮތް ގޮތުން ޖުޑިޝަރީ ކޮމިޓީގެ އެ ބައްދަލުވުން ތާވަލުކޮށްފައިވަނީ މިއަދު މެންދުރުފަހު 1:00 ގައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ އާއި ގޯނާ ކުރި މައްސަލައެއްގައި ވަޒީރަކު މަގާމުން ވަކިކޮށް ޖިންސީ ބޮޑެތި ކުށްތަކެއްގެ ދައުވާ އުފުލާފައިވަނިކޮށް އަލީ ވަހީދު ފުރައިވަޑައިގަތީ މި މަހުގެ ނުވަވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

އަލީ ވަހީދު ފުރާވަޑައިގަތުމުގެ ކުރިން އޭނާގެ ޕާސްޕޯޓް އޮތީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފައެވެ. އެކަމަކު ޑޮކްޓަރުންގެ ލިޔެކިއުމަށް ރިއާޔަތްކޮށް އަދި ފިލައިގެން ގޮސްފިނަމަ ޖާމިނުވާނެ ފަރާތެއް ކަނޑައަޅައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަދީ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދިޔައީ މީޑިއާތަކަށް ނުވަދެވޭ ގޮތަށް ސިއްރު އަޑުއެހުންތަކެއްގެ ގޮތުގައެވެ. މިފަދަ އަޑުއެހުމެއްގައި އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާއިރު ކްރިމިނަލް ކޯޓުން ފުރަތަމަ ނެރެފައިވާ ހުކުމުގައިވަނީ އަލީ ވަހީދު ފުރުވާލަން އެދިފައިވަނީ ދައުލަތުގެ ފަރާތުން ކަމުގައެވެ.

އެކަމަކު ފަހުން ކްރިމިނަލް ކޯޓުން ވިދާޅުވެފައިވަނީ އެ ގޮތަށް ހުކުމުގައި ވަނީ ލިޔުމުގެ ކުށަކުން ކަމަށާއި ފުރައިވަޑައިގަތުމުގެ ހުއްދައަކަށް އެދިވަޑައިގަތީ އަލީ ވަހީދު ކަމަށެވެ. އަދި ޕީޖީއިން ވެސް އެ މައްސަލާގައި ވިދާޅުވެފައިވަނީ އަލީ ވަހީދު ފިލައިގެން ގޮސްދާނެ ކަމަށް ބެލެވޭތީވެ އޭނާ ފުރުވާނުލުމަށް ދައުލަތުގެ ފަރާތުން އެދިވަޑައިގެންފައިވާ ކަމަށެވެ.

އަލީ ވަހީދު ފުރައިވަޑައިގަތް ފަހުން ދައުލަތުގެ ފަރާތުން ހައި ކޯޓުގައި މި ހުކުމް އިސްތިއުނާފްކުރުމުން ދައުލަތަށާއި ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް ވެސް ވަނީ އަމާޒުވެފައެވެ.

އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފައެވެ.

މިފަދަ ބޮޑެތި ދައުވާތަކެއް އުފުލިފައިވަނިކޮށް އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ފުރުސަތު ދިނުމުން އާންމުންގެ ގިނަ ބަޔެއްގެ ފާޑުކިއުންތައް ސަރުކާރަށާއި ދައުލަތަށް ދަނީ އަމާޒުވަމުންނެވެ. އިދިކޮޅު ފަރާތްތަކުން ވެސް ތުހުމަތު ކުރާ ގޮތުގައި އެއީ ސަރުކާރުގެ އިސް ބޭފުޅުން ރާވައިގެން އަލީ ވަހީދު ފުރުވާލުމަށް ކޮށްފައިވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަޖިލިސް ބަލާ

    ޕީ ޖީ މަޖިލީހަށް حاضر ކުރުމާއި / مجلسގެ رئيس ރައީސުއޮފީހަށް حاضر ކުރުމާއި / رئيس صالح - رئيس نشيد ގެ ކުރިމައްޗަށް حاضر ކުރުމާއި މިއީ ހަމަ އެއްވަރުގެ ކަންތަކެއް! ހަމަ އެއް އައިނެއްގެ މަސް! މަމެން رعية މީހާ ލޮލުގައި އަޅަން ތައްޔަރު ކުރާ "ކުލަގަދަ އަނދުނެއް"! އެނގެއޭ! والسلام