އަނިޔާވެރިކޮށް މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމިން ރަޝީދުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވާ މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލްކޮށްފި އެވެ.

ޔާމީން މަރާލި މައްސަލައިގައި ދައުވާ ކުރާ ހަ މީހެއްގެ މައްސަލަ ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައި ވަނީ މިއަދު ހެނދުނު 11:00 އަށެވެ.

ޔާމީންގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ހަތް މީހެއްގެ މައްޗަށް ނަމަވެސް މިއަދުވެސް ކުރިއަށް ގެންދަނީ ހ. އަންނާރުމާގޭ، އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގޭ، އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާން ނ. ކުދެހިގޭ، ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް، އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްސަލަ އެވެ. އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

ޔާމީން މަރާލީ، އޭނާ މަސައްކަތް ކުރި އޮފީހުން ގެއަށް ދާން ނުކުތުމުން، މަގުމަތިން ބަޔަކު ފާރަލަމުން ގޮސް، އޭނާ ގެ އަށް ވަން ވަގުތު އެވެ. ޔާމީން މަރައިލި މައްސަލައިގައި ދައުލަތުން ވަނީ ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލާފައެވެ. މި މީހުން ޔާމީން މަރާލީ "ދީނީ ހިޔާލުތަފާތުވުންތަކާ" ހެދި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން ސިއްރުކޮށްފައިވާއިރު އެ ޝަރީއަތް އާންމުކޮށް ހުޅުވާލުމަށް މަދަނީ ބައެއް ޖަމިއްޔާތަކުންނާއި ސިޔާސީ ބައެއް ބޭފުޅުން ވެސް ދަނީ ގޮވާލައްވަމުންނެވެ. ދާދި ފަހުން އެކަމަށް ގޮވާާލައި އެއްވުމެއް ވެސް ވަނީ ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަށޭ

    ތީ ކުރަނީ މުޅިން ބޭކާރު ކަމެއް. ޔާމިން ރަޝީދު މިދުނިޔެއަކުނެތް. ތިކަން އެންމެރަނގަޅަށް އެނގޭނެ އިންސާނުންނަކީ އެކަން ކުރިބަޔަކާއި އެކަން ކުރުވި ބަޔަކަށް. ކެއްކޮއްލާ! ﷲ ތަޢާލާގެ އިރާދަފުޅުން އުންމީދުކުރަނީ މިކަން ކުރިބަޔަކު އަމިއްލަޔަށް ހެޔޮވިސްނިގެން މިކަމަށް ޢިޢުތިރާފް ވާނެކަން.
    ކޮންމެ ނުބައި ނުލަފާ މީހަކު ނިމިގެންދާނީ އެމީހަކު ކުރި ކަމެއް މިދުނިޔެމިތިން އެމީހަކަށް ފެނުމަށްފަހު.
    ﷲ ތަޢާލާގެ އިރާދަފުޅުން ޔާމީން ރަޝީދުގެ ގާތިލުން ފަޟީހަ ކުރަވާނދޭވެ. އާމީން

    • Anonymous

      އަހަރެން ހިތައް އަރާ މިއެއްޗެއްގެ ބަލަދުވެރިންތަކެއްވެސް އުޅޭނެތާ. ނޭގުނީބާ އިންސާނެއްގެ ގޮތުގައި ތަރުބިއްޔަތު ކުރަން.