ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކަށާއި، ކެންޑިޑޭޓުން ކެމްޕެއިން ކުރުމުގައި ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ މާވަށު ދައިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދެވެ. މިމައްސަލަ މަޖިލީހަށް ހުށަހެޅުމުން ވޯޓުގައި ބައިވެރިވި 30 މެމްބަރުންގެ އަޣުލަބިއްޔަތުން ކުއްލި މައްސަލަ ވަނީ ބަލައިގެންފައެވެ.

ސައީދުގެ ކުއްލި މައްސަލައިގައި ވަނީ ޑިމޮކްރަސީގެ އެންމެ އަސާސީ އެއް ސިފައަކީ މިނިވަން މުސްތަގިއްލު އިންތިހާބުތައް ބޭއްވުން ކަމަށްވީ އިރު، ކުރިއަށް އޮތް ތަނުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ފަރާތްތަކށް އެ ހައްގުން މަހްރޫމްކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ގައިޑްލައިންތަކުން ރައްޔިތުން ބަނދެވި، ރަށު ބަންދުގައި ވީހިނދު، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކުގެ ސިޔާސީ މަންފާ އެންމެ ފުޅާ މިނަށް ނަންގަވައިގެން ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި މަޖިލިހުގައި ސަރުކާރު ތަމްސީލް ކުރާ މެމްބަރުން އަތޮޅުތެރެއަށް ކަރަންޓީންވުމެއް ނެތި ވަޑައިގެން ރައްޔިތުންނާ ބައްދަލުކޮށް ސިޔާސީ ހަރަކާތްތައް ފާޅުގައި ހިންގަމުންދާ ކަމަށް ވެސް ކުއްލި މައްސަލައިގައިވެއެވެ.

އެފަދަ އެއްވެސް ފުރުސަތެއް އިދިކޮޅު ފަރާތްތަކުން ފަހިކޮށްދީފައި ނުވުމަކީ ސަރުކާރުން ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށް ދެކޭނެ ފުރުސަތު އޮތުމުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދެމުންދާ ކަމަށް ކުއްލި މައްސަލައިގައިވެއެވެ.

އެހެންވެ، ގާނޫނުއަސާސީ ލާޒިމް ކުރާ ހަމަހަމަ ފުރުސަތުތައް ފަހިކޮށްދީ އިންތިހާބުގައި ވާދަކުރާ ފަރާތްތަކާއި ހުރިހާ ޕާޓީތަކަށް އިންސާފުވެރި ހަމަހަމަ ފުރުސަތު ދިނުމަށް އެދި ރައްޔިތުންގެ މަޖިލިހަށް މައްސަލަ ހުށަހަޅުއްވާ ކަމަށް ސައީދުގެ ކުއްލި މައްސަލައިގައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެދުރުބެ

    ހަމަ އަސްލުވެސް ނެތް. މިރަށުގައި އޮތް ޕީ.ޕީ.އެމް ކައުންސިލުން އެޕާޓިގެ އެއްވުންތަކާއި ކެއުންތައް މެދުކެޑުމެއްނެތި ބާއްވާ. އެމް.ޑީ.ޕީގެ އެއްވެސް އެއްވުމެއް ބާއްވާކަށް އެޗް.ޕީ.އޭ އިން ހުއްދަ ނުދޭކަމަށް ބުނެ އެކަން ކުރުމުގެ ފުރުސަތެއް ނުދޭ.

    1
    2