މަކަރާ ޙީލަތުން އެތައް ބައެއްގެ އަތުން ފައިސާ އަތުލުމަށްފަހު ފިލައިގެން އުޅުނު ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ މިއަދު މާލެ ގެނެސްފިއެވެ.

އަޙްމަދު މޫސާ ސްރީލަންކާއިން ހައްޔަރުކުރީ ފެބުރުއަރީ 21 ވަނަ ދުވަހުގެ ރެއެވެ. އައްމަޓީ ލަންކާއިން ހައްޔަރުކޮށް އޭނާ ރާއްޖެ ގެނައުން ލަސްވެފައިވަނީ ލަންކާ ފުލުހުން ބަލަމުންދިޔަ މައްސަލަތަކާއި ގުޅިގެންނެވެ. ލަންކާގައި ބަންދުކޮށްފައިހުރި އައްމަޓީ ރާއްޖެ ގެެނެސްފައިވަނީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުން މިއަދު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭނާ މިހާރު ހުރީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

އައްމަޓީ ހައްޔަރުކުރަން ދިވެހި ފުލުހުން އެދިގެން އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރުނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. އޭނާ ހައްޔަރުކުރަން އިންޓަޕޯލް އިން ނެރުނު ނޯޓިސްގައިވާ ގޮތުން އޭނާ އަށް ކުރަނީ މަކަރާއި ހީލަތް ހެދުމުގެ ތުހުމަތާއި ފައިސާ ނެގުމަށް ފަހު ރައްދު ނުކުރުމާއި ފޯޖަރީގެ ތުހުމަތެވެ.

އައްމަޓީ ހައްޔަރު ކުރަން ރެޑް ނޯޓިސް ނެރުނު އިރުވެސް އޭނާ ދިރިއުޅެނީ ސްރީލަންކާގައި ކަން ރާއްޖޭގެ ކަމާބެހޭ އިދާރާތަކަށް އެނގެއެވެ. އޭނާ ސްރީލަންކާގައި ހުރެ ސަރުކާރުގެ އިސް ބޭފުޅުންނާއި ވެސް މުއާމަލާތް ކުރަމުން ގެންދެއެވެ. އަދި ސްރީލަންކާގައި ދިވެހި ސަރުކާރުގެ ވެރިންނާއި ބައްދަލުވެސް ކޮށްފައި ވެއެވެ.

ރެޑް ނޯޓިސް ނެރުނުތާ އަހަރެއް ފަހުން އަންމަޓީ ހައްޔަރުކުރި ނަމަވެސް އޭނާ ސްރީ ލަންކާގައި ދިރިއުޅޭކަމާއި ރާއްޖޭގެ ސިޔާސީ ބޭފުޅުންނާއި ނުފޫޒު ގަދަ އެތައް ބަޔަކާ ބައްދަލުވެ ފޯނުން މުއާމަލާތްކުރާކަން އޮތީ އެނގޭށެވެ.

އައްމަޓީ ހައްޔަރު ކުރިއިރު އޭނާގެ ސީ ލައިފް ކުންފުންޏަށް ފައިސާ ދެއްކި 203 މީހަކު ސީލައިފަށް ދެއްކި ފައިސާ އާއި އެމީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ސަރުކާރުން މެދުވެރިވެގެން އެޗްޑީސީ އިން ވަނީ އެމީހުންނަށް ދީފައެވެ.

ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ބުކިން ފީ އާއި އެޑްވާންސްގެ ގޮތުގައި ސީލައިފުން ފައިސާ ނެގުމަށް ފަހު މަސައްކަތް ކުރިއަށް ނުގެންދިއުމުން ގެއްލުންވި މީހުންނަށް ބަދަލު ދެނީ އެ މަޝްރޫއު ކުރިއަށް ގެންދަން އެޗްޑީސީ އަށް ދައްކާފައިވާ ފައިސާ އިން ކަމަށް ސަރުކާރުން ކުރިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފުއާދު

    މިދެން ކީއްކުރަން ގެނައި މީހެއްބާ؟ ތިގޮތައް ހައްޖައް މީހުން ގެންދާނަމޭ ކިއައިގެން ކިތައް ގުރޫޕް ލާރިތައް ނެގީ.މިއިން ކޮންމެފަހަރަކުވެސް ސަރުކާރުން އެފައިސާތައް ދައްކަނީ މިފަހަރުވެސް ވާނީ އެހެން..

    11
    1
  2. އަދިވެސް

    ތިރީހަކަށްހާސް ރުފިޔާގެ މުސާރައެއްލިބޭ ވަޒީފާއަކަށް އަވަހަށް ހަމަޖައްސާފަ ސަރުކާރުން ކުލިދައްކާގޮތަށް ލަގްޒަރީ އެޕާރޓްމަންޓެއްގަ ބަހައްޓާ

    19
    2
  3. ފިޔަވަޅު

    ކޮބަަހޭ ލާދީނީ ރިޕޯޓް ނެރުނު މީހުން

  4. ފާއިޒު

    މިހާރު އޮންނާނީ ޑީލް ހަދާ ނިމިފައި. މައްސަލާގައި އަމިއްލައަށް އިޢުތިރާފުވާ ކަމަށް ބުނެ އަދި އެކަން ކުރީ ސަރުކާރުގެ ބޮލަށް ކަނޑާލަން އޭރުން އޭނާއަށް އަންނާނީ 6 މަހުގެ ކުޑަ ޙުކުމެއް.