ކުރިއަށް އޮތް ރޯދަ މަހު މާލޭގެ ޕާކްތައް ހުޅުވާފައި ހުންނަ ގަޑިތައް އާންމުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ލޮނުޒިޔާރަތް ޕާކާއި ސަލްޓަން ޕާކު ހުޅުވާފައި ހުންނާނީ ހަވީރު 16:00 އިން 17:45 އަށް، އަދި ރޭގަނޑު 21:00 އިން 23:00 އަށް ކަމަށެވެ. ނަމަވެސް އެހެން ޕާކުތަކާއި މައިޒާންތައް މިހާރެކޭ އެއްގޮތަށް އާއްމުކޮށް ހުޅުވިފައި ހުންނާނެ ކަމަށް ކައުންސިލުން ބުންޏެވެ.

މާލޭގެ ޕާކުތަކާއި މައިޒާންތަކަކީ އާއްމުންގެ ބޮޑު ތަރުހީބެއް އޮންނަ ގިނަ ބަޔަކު ކުޑަކުދިންނާއެކު ވަގުތު ހޭދަކުރާ ތަންތަނެވެ.

ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން މާލޭގެ ޕާކުތަކާއި މައިޒާންތައް ބަންދުކުރުމަށްފަހު އަލުން ހުޅުވުމުގެ ހުއްދަ އެޗްޕީއޭއިން ފުރަތަމަ ދީފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

އޭގެފަހުން މާލޭގައި ކޯވިޑްގެ ނުރައްކާ ބޮޑުވެ ރައްކާތެރިކަމަށް އެޅިފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ޕާކުތަކާއި މައިޒާންތައް ބަންދުކުރުމަށްފަހު އަލުން ދިން ލުއިތަކާއެކު ޕާކުތަކާއި މައިޒާންތައް އަލުން ހުޅުވާލުމަށް ނިންމީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.