ގަވާއިދު ހިލާފަށް ބޭސް ފިހާރަ ހިންގުމާއި ބޭސް ރައްކާކޮށް، ބޭސް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދާކަން ފާހަގަވެފައިވާ ކަމަށް ހެލްތް މިނިސްޓްރީގެ ދަށުން ހިންގަމުންދާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ވިދާޅުވެއްޖެ އެވެ.

އެމްއެފްޑީއޭއިން ކުރި އިއުލާނެއްގައި ވިދާޅުވީ، ބޭސް ބަހައްޓަން ޖެހޭ ފިނިހޫނުމިނާއި ހިލާފަށް، ބޭހުގެ ފެންވަރަށް ނޭދެވޭ އަސަރުކުރާގޮތަށް ބޭސްބަހައްޓާ، ވިއްކަމުންދާކަންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ވިދާޅުވީ، ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމަށްޓަކައި ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން ބޭސް ފިހާރަ އަދި ބޭސް ގުދަން ހިންގާ އިމާރާތަކީ އެމްއެފްޑީއޭގެ ރަޖިސްޓްރީކޮށް "ޑޮކްޓަރީ ބޭސް ވިއްކުމުގެ ހުއްދަ" އާއި އެކު ހިދުމަތްދެމުންގެންދާ ތަންތަނަށް ވާންޖެހޭ ކަމަށެވެ.

އަދި ބޭސް ފިހާރައެއްގައި ފާމަސިސްޓް / ފާމަސީ އެސިސްޓެންޓް ނުވަތަ ޑިސްޕެންސަރ އެއްގެ ގޮތުގައި ޑޮކްޓަރީ ބޭސް ދޫކުރުމުގެ މަސައްކަތްކުރެވޭނީ މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީވުމަށްފަހު އެމްއެފްޑީއޭއިން ދޫކުރާ ޑޮކްޓަރީ ބޭސް ދޫކުރުމުގެ ހުއްދަ އާއި އެކު ކަމަށްވެސް ވިދާޅުވިއެވެ.

"ވީމާ ހުއްދަ ނެތް ފަރާތްތައް ބޭސް ދޫކުރުމަކީ މަނާކަމެއްކަމުގައި އަންގަމެވެ". އެމްއެފްޑީއޭގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ބޭހާއިބެހޭ ގަވާއިދު ބަޔާންކޮށްފައިވާ ފަދައިން ރަޖިސްޓްރީކޮށްފައިވާ ބޭސްފިހާރައިގެ ޑޮކްޓަރީ ބޭސްވިއްކުމުގެ ހުއްދަ ދެއަހަރުން އެއްފަހަރު އައުނުކޮށް ހިދުމަތްކުރިއަށް ގެންދިޔުމަކީވެސް މަނާކަމެއްކަމަށްވެސް އެ އެމްއެފްޑީއޭއިން ވިދާޅުވިއެވެ.

"މިގޮތުން ޑޮކްޓަރީ ބޭސް ވިއްކުމުގެ ހުއްދަ އައުކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް އެތަންތަން އިންސްޕެކްޓް ކުރުމަށްފަހުގައި ކަމަށްވާތީ ހުއްދައިގެ މުއްދަތުހަމަވުމުގެ 7 ދުވަސް ކުރިން ހުށަހެޅުމަށް އާއްމުކޮށް އަންގައި ޢިޢުލާން ކުރަމެވެ". އެމްއެފްޑީއޭގެ ނެރުނު އިއުލާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޓަކަފިރޯށި

    ކޮބާހީވޭ!! މިކަމުގަ މުޅިންވެސް އުޅެނީ ކޮންމެވެސް އިންޑިއާބައެއް.

    9
    1
  2. މަބޭ

    އިއުލާނެއްކޮއްލުމަކުން ނުފުދޭ އަދި ޒިންމާއަދާވީކަމއްވެސް ބަލައިގެން ނުވާނެ ފިޒިކަލީ ތަންތަނައްގޮސް ފިޔަވަޅުނޭޅޭކަމައްވަނީނަމަ އެއްވެސް ކަމެއްހައްލެއްނުވާނެ

  3. ބަކުރު

    ގަވައިދާ ހިލާފަށް އައީސް އޮތް ވެރިކަމެއްގައު ހިގާނީ ގަވައިދާހިލާފުކަންތަށްތަށް.

  4. ސެން

    ބޭސްފިހާރަ އެކަނިތޯ؟ އެހެން ބާވަތް ތަކުގެ ވިޔަފާރިތައް މާކުރީގަ އުޅޭކަން ފާހަގަކޮށްލަން