ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ދުސްތޫރީ އުސޫލުތަކާއި ހިލާފަށް ވެރިކަމުގެ ނިޒާމް ބަދަލު ނުކުރެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ހިންގުން އަންނަ އަހަރު ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަތުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ އަރިހުގައި އެދިވަޑައިގަތުމާއި ގުޅިގެން ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ މިހާރު އަަމަލު ކުރަމުންދާ ރިޔާސީ ނިޒާމުގެ ތެރެއިން ބަރުލަމާނީ ނިޒާމަކަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެންވެސް ނުދެވޭނެ ކަމަށެވެ.

ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ ރައީސް ނަޝީދު ބޮޑުވަޒީރަކަށް ޝައުގުވެރިވި ކަމުގައި ވީނަމަވެސް އެކަން ކުރެވޭނެ އުސޫލުތަކާއި ހަމަތައް އޮންނަ ކަމަށެވެ. އަދި ބޮޑު ވަޒީރަކަށް ވެވޭނީ ދުސްތޫރީ ހަމަތަކުގެ މަތިން ބަރްލަމާނީ ނިޒާމެއް ޤާއިމުވެގެން ކަމަށާއ، ިއަލަށް އުފެދޭ ބަރްލަމާނީ ނިޒާމުގެ ދަށުން ރައްޔިތުން އިންތިޚާބުކުރާ މަޖިލީހުގެ 50 އިންސައްތަ މެޖޯރިޓީ ލިބޭ ޕާޓީއެއް ނުވަތަ ކޯލިޝަނެއްގެ ލީޑަރެއްގެ ގޮތުގައި މަޖިލީހަށް އިންތިޚާބުވެގެން ކަމަށެވެ.

މިނޫންގޮތަކަށް ވަކި ނިޒާމެއްގެ ދަށުން އިންތިޚާބުވެފައިވާ މަޖިލީހެއްގެ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރު އެކުލަވާލަން އުޅުމަކީ ދުސްތޫރީ އުޞޫލުތަކާއި ޙުދޫދު ފަހަނައަޅައި ދިއުން ކަމަށް ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.

ރައީސް ނަޝީދު، ރައީސް ޞާލިޙާށް ފޮނުއްވެވި މެސެޖުގައި ވަނީ 2023 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ބަދަލުކޮށް އަލުން ސަރުކާރެއް އެކުލަވާލުމަށް ބޭނުންފުޅުވާކަށެވެ. އަދި ޖެހިގެން އަންނަ 2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާއިރު، ޤާނޫނުގައި ވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށްވެސް ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙްއަށް ފޮނުއްވެވި މެސެޖުގައި އެދިވަޑައިގެންފައެވެ.

ފެހި ގާނޫނުއަސާސީ އެކުލަވާލާނީ ވެރިކަމުގެ ކޮން ނިޒާމަކަށް ކަން ކަނޑައެޅުމަށް 2007 ގައި ބޭއްވި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން ނިމިގެން ދިޔައީ ރާއްޖޭގައި ރިޔާސީ ނިޒާމެއް ބޭއްވުމަށެވެ. ރިޔާސީ ނިޒާމަށް 60 އިންސައްތައަށް ވުރެ ގިނަ ރައްޔިތުން ވޯޓު ދީފައިވެއެވެ. އެކަމަކު އޭރު ބަރުލަމާނީ ނިޒާމަށް ތާއީދު ކުރެއްވި ރައީސް ނަޝީދު އެ އިންތިހާބުގެ ނަތީޖާ ބަލައެއް ނުގަނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޝާން

    މިއީ ކާކު ގަދަބަސް ބުނަން. ގޮނޑިން ނަަގާ ހޫރާލީމަ އަދިވެސް ގޮނޑީގެ ދަހިވެތިކަމުގަ ތެޅެނީ.

  2. ޙެހެ

    ބަލާލަން ޑޮކެއް އެކަމު އެ ތެރެ މުޑުދާރު.

  3. ޝާން

    ކޮބާ އަހަރެންގެ ކޮމެންޓް.