ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އޭނާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުނުވެ ލިއުމުން ދެއްވި ޖަވާބު މައުލޫއިން ބޭރު ކަމަށާއި އަދި އޭނާގެ ބޭނުމަކީ މަޖިލީހުގެ މަސައްކަތަށް ހުރަސް އެޅުން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ޗާގޯސްގެ މައްސަލައިގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލޭގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯޒް އޮފް ދަ ސީޒް (އިޓްލޮސް) ގައި ވަކާލާތު ކުރެއްވި ކަމަށް ބުނެ އިދިކޮޅު ޕާޓީތަކުން ހަދައިގެން އުޅޭ އިއްތިހާދުން ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 13 މެންބަރުންގެ ސޮޔާ އެކު މަޖިލިހަށް ހުށަހަޅާފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާ ކުރި ނަމަވެސް ރިއްފަތު ވަޑައެއް ނުގަންނަވަ އެވެ. އަދި އޭގެ ބަދަލުގައި ޖަވާބުދާރީވެލެއްވީ ލިއުމުން ނެވެ.

ރިއްފަތު ދެއްވި ޖަވާބުގައި ވިދާޅުވެފައިވާ ގޮތުގައި އޭނާގެ އިތުބާރުނެތް ކަމުގެ މައްސަލައަކީ ސިޔާސީ މަގުސަދެއްގައި ހުށަހަޅައިގެން އުޅޭ މައްސަލަ އެކެވެ. ރިއްފަތު ވަނީ އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ނެތް ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދިި އޭގެ ބަދަލުގައި ގާނޫނު މާނަކުރާ ގޮތަކާ ގުޅިގެން ގޮތެއް ކަނޑައެޅުމުގެ އިހުތިސާސް އޮންނާނީ ގާނޫނުތަކުން އުފައްދާފައިވާ ޝަރުއީ ކޯޓުތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ ރިއްފަތުގެ ވާހަކަތަކަކީ މަޖިލީހުން އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ތާވަލުކޮށް ހިންގާ އިޖުރާއާތަށް ހުރަސް އެޅުމުގެ ނިޔަތުގައި ދައްކަވާ މައުޟޫޢުން ބޭރު ވާހަކަތަކެއް ކަމަށެވެ.

"މަޖިލީހުގެ ދުސްތޫރީ މަސްއޫލިއްޔަތަށް ހުރަސްއެޅުމުގެ އެއްވެސް ބާރެއް ބަންޑާރަނައިބަށް ލިބިގެން ނުވޭ!" އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި އެވެ.

ރިއްފަތުގެ އިތުބާރުނެތް ކަމުގެ މައްސަލައިގައި މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައި އޮތީ މިނިސްޓަރު ޖަވާބުދާރީވުމަށް ބަހުސްގެ ވަގުތުގެ ކުރިން 10 މިނެޓް، ބަހުސްގެ މެދުތެރެއިން 10 މިނެޓް އަދި ބަހުސްއަށް ފަހު ދިހަ މިނެޓް ދިނުމަށެވެ. ނަމަވެސް ސަރުކާރާއި ދެކޮޅު މެންބަރުން ވަނީ ރިއްފަތު މަޖިލީހަށް ހާޒިރުވާން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މައްސަލައިގައި އިދިކޮޅު ޕާޓީތަކާއި ވެރިކަން ކުރާ ޕަޓީތަކާ މެދު އެއްގަލަށް ނޭރުމުގެ ސަބަބުން އެ މައްސަލަ އިއްޔެ އިތުރަކަށް ކުރިއަކަށް ނުގެންދެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ލަފަޔަކަށް ސުޕްރީމް ކޯޓުން އެދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަރީ

    މީދެން ކާކު ޕަޕަޓެއް ގާނޫނޭ ކިޔައިގެން އަނގަހުޅުވަނީ

    6
    4
  2. މޮހީ

    މީނާ ޔާމިނުވެރިކަމުގައި ބެނދިފަ މިހާރު އަނގަފެޅީ މަޖާދޯ

    7
    2
  3. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ކަނޑު ވިއްކާފަ ވެސް އިބޫ މި ބުނަނީ ތިމައްނަ އަށް "ޗޯރު އިބުރޭ" ކިޔައިގެން ނުވާނެއެވެ. ރައީސް މުޙައްމަދު އަމީން ވެސް ދުންފަތް އެތެރެ ކުރުން މުޅިން މަނާ ކޮށްފައި ވިދާޅުވީ، "ދުންފަތް ވަގު" ތިމައްނާ އަށް ކިޔައިގެން ނުވާނެ ކަމަށެއެވެ. އަޅުގަނޑު ގެ ޙިޔާލު ފާޅުކުރުމުގެ ޙައްޤު އަޅުގަނޑަށް އޮއްނަން ވާނެއެވެ. އަޅުގަނޑު ބުނާނީ "ޗޯރު އިބުރޭ" ގެ ނިމުން އައްނާނީ މުޙައްމަދު އަމީން ގެ ނިމުން އައި ގޮތަށް ކަމަށެވެ. ބާނަ ބާނާ ތިއްބާ، އިބޫ ކަނޑު ވިއްކީ-މާ ރައްޔިތުންގެ ގިނަ ބަޔަކު ތިބީ ވަރަށް ރުޅިގަދަ ފައެވެ!

  4. އިއްބެ

    ތިޔަބޭފުޅުން ސްޕްރީމްކޯޓުގައިތިއްބަވާ ކުށްވެރިންތަކެއް ޝަރީޢަތަކާނުލާ މިނިވަންކޮށް ދޫކޮށްލާ މި ޤަވްމުގެ އަމާންކަން ގެއްލުވައިލިދުވަސް ހާދަ ހަނދާންވެޔޭ!

    5
    2
  5. Anonymous

    އޭޖީ ވަޒީރުންގެ މަޖިލިސްގައި ހިމެލި ލިއުނުން ޖަވާބް ދާރީ ވުން އޮތަސް އޭޖީގެ ހައިސިއްޔަތުން މަޖިލިހަށް ހާޒިރުވެ މެންބަރުން ކުރާ ސުވާލުތަކަށް ޖަވާބު ދިނުނަށް މަޖިލިސަށް ހާޒިރުވާންޖެހޭނެ ، ވަޒީރުންނާއި ހިލާފު ބޭފުޅެއް އޭޖީއަކީ އެއީ ދައުލަތުގެ ބަންޑާރަ ނައިބު ، އޭޖީ އޮފީސް ހިންގަން ވަކި ޤާނޫނެއް އޮތުން ބުއްދިވެރި ، އޭރުން އޭޖީ އޮފީސް ފުރިހަމަޔަށް ތަރުތީބް ވެގެންދާނެ !