ބ. އަތޮޅު އޭދަފުށީގައި ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށަށް އަރާ ފޭބުން މަނާ ކޮށްފި އެވެ.

"ވަގުތު"އަށް މައުލޫމާތު ދެމުން އެރަަށު ކޮވިޑް ފޯކަލް ޕޮއިންޓްގެ އޮފިޝަލަކު ވިދާޅުވީ، އެ މީހާއަކީ ބަލީގެ އަލާމަތްތައް ފެނިގެން ޑޮކްޓަރަށް ދެއްކި މީހެއް ކަމަށެވެ.

އެއީ އުމުރުން 30 އަހަރުން މަތީގެ އަންހެނެއް ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އެ އޮފިޝަލް ވިދާޅުވިގޮތުގައި، އެ މީހާއާ ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

އެ މީހާ އެރަށު ފްލޫ ކްލިނިކަށް ދައްކަން ގޮސްފައި ވަނީ މިއަދު މެންދުރު އެވެ. އަދި ނަތީޖާ ލިބުނީ މިއަދު 3:00 ހާއިރު އެވެ.