މާލެ ސިޓީ ކައުންސިލްގެ މެންބަރުންނާއި މާލެ ސިޓީގެ އިންތިޚާބީ ކައުންސިލް މެންބަރުންނާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި އެ ބައްދަލުވުމަކީ އިންތިގާލީ މަރުހަލާ ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ކައުންސިލްގައި އެކުލަވާލާފައިވާ އިންތިގާލީ ކޮމިޓީއާއި ސިޓީ ކައުންސިލްގެ މިހާރުގެ މެންބަރުންނާއި ސިޓީ ކައުންސިލްގެ އިންތިޚާބީ މެންބަރުން ބައިވެރިވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު ޝިފާ މުޙައްމަދާއި މާލެ ސިޓީގެ އިންތިޚާބީ މޭޔަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ވަނީ މި ދައުރުގައި އެ ކައުންސިލުން ފަށާފައިވާ މަސައްކަތުގެ ބައެއް ތަފްސީލްތައް ވެސް އިންތިޚާބީ ކައުންސިލަރުންނާ ޚިއްސާ ކުރައްވައިފައެވެ.

މާލެ ސިޓީގައި މިހާރު އޮތް ސިޓީ ކައުންސިލަކީ ވެރިކަން ކުރާ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ކައުންސިލެކެވެ. އެންމެ މެންބަރަކު ފިޔަވައި ދެން ތިއްބެވި މެންބަރުންނަކީ އެމްޑީޕީގެ މެންބަރުންނެވެ. 2011 ގައި އާ ލާމަރުކަޒީ ނިޒާމުގެ ޤާނޫނު ތައާރަފްވި ފަހުން މިހާތަނަށް ވެސް މާލެ ސިޓީ ކައުންސިލްގައި އޮންނަނީ އެމްޑީޕީގެ ސުޕަ މެޖޯރިޓީއެވެ.

އެހެން ނަމަވެސް މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ފުރަތަމަ ފަހަރަށް ޕީޕީއެމްއަށް މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ވަނީ ލިބިފައެވެ. އާ ކައުންސިލްގައި ޕީޕީއެމްގެ 12 މެންބަރުން ތިއްބަވާނެއެވެ. އެމްޑީޕީގެ ތިއްބަވާނީ ހަ މެންބަރުންނެވެ. އަދި ޖުމްހޫރީ ޕާޓީގެ މެންބަރަކު ވެސް އިންނަވާނެއެވެ.

ފުރަތަމަ ފަހަރަށް މުޅި މާލެއިން ވޯޓް ލައިގެން މޭޔަރަކު އިންތިޚާބު ކުރިއިރު، މާލޭގެ ފުރަތަމަ އިންތިޚާބީ މޭޔަރަކީ ދެ ސަރުކާރެއްގައި ހަތް އަހަރުގެ މުއްދަތަކަށް ހައުސިން މިނިސްޓަރުގެ މަޤާމު ފުރުއްވި ޑރ. މުޢިއްޒެވެ. މާލޭގެ މޭޔަރުގެ މަޤާމަކީ ރައީސުލްޖުމްހޫރިއްޔާއަށް ފަހު އެންމެ ގިނަ ރައްޔިތުންގެ ވޯޓް ލިބިގެން އިންތިޚާބު ކުރެވޭ އިންތިޚާބީ މަޤާމެވެ.