ގދ. ތިނަދޫން ތިން މަހުގެ ކުއްޖަކާއެކު އިތުރު ބަޔަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ތިނަދޫއިން އިން އިތުރު ފަސް މީހަކު ފައްސިވެފައިވާއިރު، އޭގެ ތެރޭގައި ތުއްތު ކުއްޖާ ހިމެނެއެވެ.

ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު “ވަގުތު” އަށް ވިދާޅުވީ، މިހާރު އެރަށުން ފައްސިވި މީހުންގެ އަދަދު ވަނީ 28 އަށް އަރާފައިވާ ކަމަށެވެ.

ފަހަކަށް އައިސް އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި އަންނަނީ ކޮވިޑް ފެތުރެމުންނެވެ. ބައެއް ރަށްތަކުގައި ކޮވިޑް ފެތުރިފައި ވަނީ ކަރަންޓީންގައި ތިބި މީހުން ކަރަންޓީންގެ އުސޫލާއި ހިލާފު ވުމުންނެވެ.

އަތޮޅުތެރެއިން ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވަމުން ދިޔަ ނަމަވެސް އަދިވެސް ގިނަ އަތޮޅުތަކުގައި ކޮވިޑަށް ޓެސްޓް ކުރެވޭނެ ވަސީލަތްތަކެއް ނެތެވެ. އެހެންކަމުން ގިނަ ރަށްތަކުން ކޮވިޑަށް ޓެސްޓް ކުރަން ސުންކުތައް އަދިވެސް ފޮނުވަނީ މާލެ އަށެވެ.

ރާއްޖޭގެ ކޮވިޑް-19 ހާލަތު ދުވަހުން ދުވަހަށް އަންނަނީ ގޯސްވަމުންނެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު 402 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެއިން ފައްސިވި 174 މީހަކާއި އަތޮޅު ތެރެއިން ފައްސިވެފައިވާ 179 މީހެކެވެ. އެއާއި އެކީ ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 30،237 އަށް އަރާފައެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 24،934 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިހާރު ފަރުވާ ދެމުން އަންނަނީ 5،221 މީހަކަށެވެ. އޭގެ ތެރެއިން 161 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ. މިބަލި ޖެހިގެން 73 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.

އިތުރު ތަފްސީލް އަންނަނީ...