ގދ. ތިނަދޫއިން ވަކި ތަރުތީބެއް ނެތި ނެގި ސުންކެއް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު “ވަގުތު” އަށް ވިދާޅުވީ، ވަކި ތަރުތީބެއް ނެތި އެރަށުން ނެގި ސުންކެއް މިއަދު ފައްސިވެފައިވާ ކަމަށާއި މިއާއި އެކު އެރަށުން މި ބައްޔަށް ފައްސިވެފައިވާ މީހުންގެ އަދަދު 30 އަށް އަރާފައިވާ ކަމަށެވެ.

މިވަގުތު އެރަށުން 30 މީހަކު ފައްސިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފުރަބަންދު ނިންމާފައި ސުންކު ނެގާފައިވާ މީހުންނާއި ފައްސިވި މީހުންނާއި ގާތުން ބައްދަލުވެފައިވާ މީހުންނާއި ވަކި ތަރުތީބެއް ނެތި ނަގާފައިވާ ސުންކުތަކެވެ.

އެރަށުން މީހުންތަކެއް ފައްސިވުމާ ގުޅިގެން ރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި ވަަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެެ.

ތިނަދޫގެ އިތުރުން ރާއްޖޭގެ ގިނަ ރަަށްތަކެއްގައި މި ބަލި އަންނަނީ ހަލުވިމިނުގައި ފެތުރެމުންނެނެވެ. އެގޮތުން މިހާތަނަށް ލ. މާންދޫ އއ. މަތިވެރި އާއި ބ. އޭދަފުއްޓާއި ކ. މާފުއްޓާއި ތ. ވޭމަންޑޫ އާއި ޅ. ނައިފަރުގައި ވޭދަނަތައް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. މިއިން ކޮންމެ ރަށަކުން 100 އަށް ވުރެ ގިނަ ވޭދަނަ މިހާރު ވަނީ ފެނިފައެވެ.

ރާއްޖެއިން މިހާތަނަށް 31،330 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެ ތެރެއިން 25،214 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މި ބަލީގައި މިވަގުތު 6،033 މީހަކަށް ފަރުވާ ދެމުން އަންނައިރު، 173 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ.

މި ބަލީގައި ރާއްޖެއިން 74 މީހަކު ވަނީ ނިޔާވެފައެވެ.