ކަރެކްޝަނަލް ސާވިސް އިން ބަލަހައްޓަމުން އަންނަ ޖަލުތަކުގައި ކޮވިޑް-19 އަށް ފައްސިވެފައި 25 ގައިދީއަކު މިވަގުތު އެބަތިބި ކަމަށް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވެއްޖެއެވެ. މިހުރިހާ ގައިދީން ވެސް ތިބީ މާލޭ ޖަލުގައެވެ.

ކަރެކްޝަނަލް ސާވިސް އިން މިރޭ ވިދާޅުވީ ކަރެކްޝަންގެ މުވައްޒަފުންނާއި ޖަލު ބަލަހައްޓާ އޮފިސަރުންގެ ތެރެއިން ވެސް 53 މީހަކު މިވަގުތު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.

އެންމެ ގިނަ މުވައްޒަފުންނާއި އޮފިސަރުން ކޮވިޑަށް ފައްސިވެފައި ވަނީ މާފުށީ ޖަލުންނެވެ. އެތަނުން 31 އޮފިސަރުން ވަނީ ފައްސިވެފައެވެ. އައްސޭރި ޖަލުން ވަނީ 18 އޮފިސަރުން ފައްސިވެފައެވެ. މާލޭ ޖަލުން ވެސް ހަތަރު އޮފިސަރުން ވަނީ ފައްސިވެފައެވެ.

ޖަލުތަކުން ކޮވިޑަށް ބައެއް މީހުން ފައްސިވަމުން އަންނާތީ ޖަލުތަކުގައި ތިބި ކޮވިޑް ޖެހުމުން ހާލަތު ނުރައްކާ ވުމުގެ ފުރުސަތު ބޮޑު ގައިދީން ގޭބަންދަށް ބަދަލުކުރަމުން އަންނަ ކަމަށް މިދިޔަ ހަފްތާގައި ކަރެކްޝަނަލް ސާވިސް އިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް މީގެތެރޭގައި އެންމެ ނުރައްކާތެރި ގައިދީންނެއް ނުހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު