ކ. ހިންމަފުށިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 153 އަށް އަރައިފިއެވެ.

ހިންމަފުށީގައި އެންމެ ފުރަތަމަ ކޮވިޑް-19 ފެތުރެން ފެށީ، އެ ރަށުގައި ހުންނަ އައްސޭރި ޖަލުގައެވެ. އޭގެ ފަހުގައި މުޅި ރަށަށް ބަލި ފެތުރިފައިވާ އިރު، ހިންމަފުއްޓަކީ ރާއްޖޭގެ ރަށްރަށުގެ ތެރެއިން އެންމެ ހަލުވިކަމާއެކު ބަލި ފެތުރޭ އެއް ރަށެވެ.

އެގޮތުން، މިހާތަނަށް އައިއިރު، އެ ރަށުން ގިނަ އަދަދެއްގެ ގެތަކެއް ވަނީ ކަރަންޓީންކޮށްފައެވެ. އައްސޭރި ޖަލުގެ އިތުރުން، އެ ރަށުގައި ހުންނަ ބައެއް ފެކްޓަރީތަކުގައި މަސައްކަތް ކުރަމުން އަންނަ ގިނަ ބިދޭސީންތަކެއް ވެސް ކޮވިޑަށް ފައްސިވެފައިވެއެވެ.

ހިންމަފުށީގައި ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން އެ ރަށް މޮނިޓަރިން ހާލަތަށް ގެނައީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ.

ހިންމަފުށީގައި ކޮވިޑް-19 ފެތުރިފައިވާތީ، ސިއްހީ މަރުކަޒުން އެދިފައި ވަނީ ހުރިހާ އެންމެން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅުމަށެވެ. އެގޮތުން މާސްކް އެޅުމާއި ގައިދުރުކުރުމާއި ގިނަ ގިނައިން އަތް ދޮވުމަށް ސަމާލުކަން ދިނުމަށް ސިއްހީ މަރުކަޒުން އިރުޝާދު ދީފައިވެއެވެ.

ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން، ކޮވިޑް-19 ބޮޑަށް ފެތުރެނީ މާލޭގެ އިތުރުން ލ. މާންދޫ އއ. މަތިވެރި އާއި ބ. އޭދަފުއްޓާއި ކ. މާފުއްޓާއި ތ. ވޭމަންޑޫ އާއި ޅ. ނައިފަރުގައެވެ. މިއީ ކޮވިޑްގެ އެކްޓިވް ވޭދަނަތައް އެންމެ ގިނަވެފައިވާ ރަށްތަކެވެ. މިއިން ކޮންމެ ރަށަކުން 100 އަށް ވުރެ ގިނަ ވޭދަނަ މިހާރު ވަނީ ފެނިފައެވެ.

ރާއްޖެ އިން މިހާތަނަށް 32،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެ 75 މީހުން ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޮޔަގޮލާ

    ރާއްޖެ ތެރޭގައި ކޮވިޑް ބަލިމީހުން ކުއްލިއަކަށް އިތުރުވަނީ، ކޮވިޑް ޖެހޭ މީހާ އާއިލާއިން ވަކިކޮށްނުލާ ގޭ އެންމެންނާއެކު ގޭގައި އުޅެން ބަހައްޓާފައި ހުންނާތީ. ދެން ވާ ގޮތަކީ، ފަހަރަކު މީހަކު އެ ގެއަކުން ޕޮސިޓިވް ވަނީ. ކޮންމެ މީހަކަށް 14 ދުވަސް ޖަހަމުން ގޮސް މަސް ދެމަސް ވާއިރުވެސް ގޭ އެންމެން ބަންދުގަ ތިބެން ޖެހެނީ. އޭގެ ބަދަލުގައި، ސްކޫލް ކަހަލަ ތަނެއްގައި އެނދު އަތުރައި ތައްޔާރުކޮށް ޕޮސިޓިވް ވާމީހުން މާސްކް އަޅައިގެން ރައްކާތެރިކަމާއެކު އެތާ ބައިތިއްބައިގެން ޕާރުސަލްގައި ގެއިން ކާންގެނެސް، ގޭއެންމެން ބަންދު ނުކޮށް މިކަން ކުރިއަށް ގެންދެވިދާނެ. ތިމާގެ ސަބަބުން ގޭ އެންމެންނަށް ކޮވިޑް ޖެހުމަށް ވުރެން 14 ދުވަސް ހަމަވެ ބަލިން ސަލާމަތް ވަންދެން އެކަހެރިކޮށް ކެއްކޮށްލުން މާ ރަނގަޅުވާނެ. ސަރުކާރުން މިކަހަލަ ސިޔާސަތެއް ނުގެންގުޅޭތީ މައްސަލައަކީ. ކޮލެރާއާއި ޝިގެއްލާގައި ގިނަ ރަށްރަށުގަ ކަންތައް ކުރީ މި ގޮތަށް. ކަންކަން ރާވާ ހިންގަން ނުކުޅެދޭ މީހުންނާ ހަވާލުކުރީމަ ވާނެގޮތް މިވަނީ.