ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެދާނެ ކަމަށް ބަލައި ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ރީނދޫ ސަމާލު ނެރެފިއެވެ.

އެ ސަމާލު ނެރެފައި ވަނީ ހދ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކާއި ހަމައަށެވެ.

މެޓް އޮފީހުން މީގެ އިރުކޮޅެއް ކުރިން ނެރުނު ސަމާލުގައި ބުނެެފައި ވަނީ، ގަޑިއަކު 25 މޭލާއި، 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި ކަނޑުތައްގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން، މީގެ އިރުކޮޅެއް ކުރިން ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވަނީ ހުދު ސަމާލުވެސް ނެރެފައެވެ.

އެ ސަމާލުގައި ބުނެފައި ވަނީ، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ވިދާޅުވެފައި ވަނީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

އަދި ދިޔަވަރު ބޮޑުގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެން ވާ ކަމަށްވެސް ބުނެފައި ވެއެވެ.