ތ. ގުރައިދޫގައި ކަރަންޓީނުގައި ނެތް ބަޔަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ގުރައިދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދު "ވަގުތު" އަށް ވިދާޅުވީ، ކަރަންޓީނުގައި ނެތް ބަޔަކާއި އެކީ އެރަށުން ފައްސިވި އަދަދު މިހާރު 6 އަށް އަރާ ކަމަށެވެ.

އެރަށުން ފައްސިވެފައިވާ މީހުންގެ ތެރޭގައި މާލެ ދަތުރު ކުރާ ބޯޓެއްގެ ބިދޭސީއަކު ވެސް ހިމެނެއެވެ.

އަލީ ރަޝީދު ވިދާޅުވީ، ކަރަންޓީނުގައި ނެތީސް ފައްސިވެފައިވަނީ 5 މީހުން ދިރިއުޅޭ އާއިލާއެއް ކަމަށެވެ.

"އެމީހުންނަކީ މީގެ ކުރިން އެހެން ރަށަކަށް ދަތުރު ކޮށްފައި އައި ބައެއް. އަދި ދަތުރު ކޮށްފައިވަނީ ކޮން ރަށަކަށް ކަމެއް ސާފެއް ނުވޭ" އަލީ ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމީހުން ރަށަކަށް ދަތުރު ކުރިނަމަވެސް، ދަތުރު ކޮށްފައިވަނީ މޮނިޓަރިންގައި އޮތް ރަށަކަށް ނޫން ކަމަށާއި ދަތުރު ކުރީ، އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާ ކުރުމުގެ ކުރިން ކަމަށެވެ.

ކަރަންޓީނުގައި ނެތް ބަޔަކު އެރަށުން ފައްސިވުމާއި ގުޅިގެން މިހާރު އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

އަލީ ރަޝީދު ވިދާޅުވީ، ފައްސިވި މީހުންނާއި ގާތުން ބައްދަލުވި މީހުންގެ މައުލޫމާތު ހޯދަމުން އަންނަ ކަމަށާއި މިހާތަނަށް އެމީހުންނާއި ގުޅިގެން 30 ގެ މޮނިޓަރިންގްގެ ހާލަތަށް ގެނެސް، 50 ފަރާތެއްގެ ސުންކު ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިހާލަތުގައި ރައްކާތެރިވުމުގެ ގޮތުން ފިހާރަތަކަށާިއ ކެފޭ ފަދަ ތަންތަނަށް މީހުން ނުގޮސް ހަމަ އެކަނި ޑެލިވަރީގެ ހިދުމަތް ކުރުމަށް އިލްތިމާސް ކޮށްފައިވާ ކަމަށް ވެސް އަލީ ރަޝީދު ވިދާޅުވިއެވެ.