ތ. ގުރައިދޫގައި ބިދޭސީން ދިރިއުޅޭ ސައިޓެއް ތެރޭ މަރާލާފައިވާ އޮއްވާ ފެނުނު ބަންގްލަދޭޝްގެ ޝާހް އަމަލް މަރާލި މައްސަލައިގައި ކުރިމިނަލް ކޯޓުގައި ކުރިޔަށްދާ ޝަރީއަތުގައި އެ ދުވަހު ސީން އަށް ދިޔަ ފުލުސް މީހާގެ ބަޔާން މިއަދު ނަގައިފިއެވެ.

ގުރައިދޫގައި މެއި 20، 2020 ގައި ދެ ބިދޭސީއެއްގެ ދެމެދު ހިނގި މަރާމާރީއެއްގެ ތެރެއިން ޝާހް އަމަލް މަރާލި ކަމުގެ ތުހުމަތުގައި ބަބުލް މިއަހްގެ މައްޗަށް ދައުލަތުން ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށް ދިޔަ ޝަރީއަތުގައި އޮތީ އެރޭ ގުރައިދޫ ޕޮލިސް ސްޓޭޝަންގައި ޑިއުޓީގައި ހުރި އަދި އެދުވަހު އެންމެ ފުރަތަމަ ސީން އަށް ދިޔަ ކަމަށް ބުނާ ފުލުސް މީހާގެ ހެކިބަސް ނެގުމެވެ.

މިއަދުގެ އަޑުއެހުމުގައި ފުލުސް މީހާ ކިޔައިދިން ގޮތުގައި ބަބުލް މިއަހް ދިރިއުޅުނު ސައިޓްގެ ދޮރުން ފެށިގެން އިމާރާތަށް ވަންނަން ހުރި ދޮރުގެ ބޭރުގައި އަތްތިލައެއް ފެންނަ ގޮތަށް ލޭ ކޭއްތިފައި ހުއްޓެވެ. އެ ސަރަހައްދުން ލޭ ކޭއްތިފައި ހުރި ފޫޓެއްގެ ދިގުމިނުގެ ކަތިވަޅިއެއް ވެސް ފެނިފައިވެއެވެ. އަދި އޭގެ އިތުރުން އިތުރު އެހެން ވަޅިއެއްވެސް ފެނިފައިވާ ކަމަށް އޭނާ ބުންޏެވެ.

ބިދޭސީންތަކެއް އުޅުނު އެ ސައިޓްގެ ސިޓިން ރޫމުގެ ފާރުގެ ބިތަށް ބުރައިގެން ގޮސްފައި ހުރި ގޮތަށް ލޭ ކޭއްތިފައި ހުރި ކަމަށް ވެސް ފުލުސް މީހާ ކިޔައިދިނެވެ. އެ ތަނުގެ ފާރާއި ތަޅުންގަނޑު މައްޗާއި އޭގެ މަތީ އަޅާފައި އޮތް ތަރަފާލު ގަނޑުގައި ވެސް ލޭ ކޭއްތިފައި ހުއްޓެވެ. އަދި އެނދުގެ ބެޑްޝީޓުގައި ވެސް ކޮންމެވެސް ވަރަކަށް ވަޅި ކޭތިފައި ހުރިކަމަށް އޭނާ ބުންޏެވެ.

އަދި އެރޭ ވާރޭ ވެހުނު ކަމަށާއި ނަމަވެސް އެތަނުގައި ހުރި ހެކިތައް ފުލުހުން ވަނީ ކެރީގެ ސަބަބުން ގެއްލުން ނުވާނެ ގޮތަކަށް ރައްކާ ކޮށްފައި ކަމަށް ވެސް އޭނާ ބުންޏެވެ. މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ވެސް ވަނީ ހެކިން ހާޒިރުކޮށް ހެކިބަސް ނަގާފައެވެ. މިއަދު ވެސް ވަނީ ދެ ހެކިވެރިއެއްގެ ހެކިބަސް ނަގަން ކޯޓަށް ހާޒިރުކޮށްފައެވެ.

ނަމަވެސް އެއް ހެކިވެރިއަކު އެ ދުވަހު ހިނގާ ދިޔަ ކަންކަން ހަނދާން ނެތުމުގެ ސަބަބުން އޭނާގެ ހެކިބަސް ނަގަން ބޭނުންނުވާ ކަމަށް ދައުލަތުން ވަނީ ނިންމާފައެވެ. މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ މި މައްސަލައިގައި ދެން ޝަރީއަތުގެ އަޑުއެހުމެއް ބާއްވާނީ ކުރިޔަށް އޮތް ރޯދަ މަސް ނިމުމުން ކަމަށެވެ.

އަދި އެ ދުވަހުގެ ޝަރީއަތުގައި ބާކީ ތިބި ހެކިވެރިން ހާޒިރުކޮށް ހެކިބަސް ނެގުމަށް މަސައްކަތް ކުރެވޭނެ ކަމަށް ވެސް ޝަރީއަތުން ފާހަގަ ކުރެއްވިއެވެ.