ތ. ގުރައިދޫގައި ބިދޭސީން ދިރިއުޅޭ ސައިޓެއް ތެރޭ މަރާލާފައިވާ އޮއްވާ ފެނުނު ބަންގްލަދޭޝްގެ ޝާހް އަމަލް މަރާލި ކަމުގެ ދައުވާ އުފުލާފައިވާ ބަންގްލަދޭޝްގެ ބަބުލް މިއަހްއަށް ވެސް ސީރިއަސް ޒަޚަމްތަކެއް އެ ރޭ ލިބިފައިވާ ކަން އެނގިއްޖެއެވެ.

ގުރައިދޫގައި މެއި 20، 2020 ގައި ދެ ބިދޭސީއެއްގެ ދެމެދު ހިނގި މަރާމާރީއެއްގެ ތެރެއިން ޝާހް އަމަލް މަރާލި ކަމުގެ ތުހުމަތުގައި ބަބުލް މިއަހްގެ މައްޗަށް ދައުލަތުން ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށް ދިޔަ ޝަރީއަތުގައި އޮތީ މި މަރުގެ ތަހުގީގުގައި ހަރަކާތްތެރި ބައެއް ފުލުހުންނާއި، ބަބުލް މިއަހް މަސައްކަތް ކޮށްދިން މީހާގެ ހެކި ބަސް ނަގައިފައެވެ. ތަހުގީގުގައި އުޅުނު ފުލުހުން ވަނީ ޝާހް އަމާލްގެ ހަށިގަނޑު ފެނުނު ސަރަހައްދު އޮތް ގޮތް ކިޔައިދީފައެވެ.

ފުލުހަކު ކިޔައި ދިން ގޮތުގައި، ބަބުލް މިއަހް ދިރިއުޅުނު ސައިޓްގެ ދޮރުން ފެށިގެން އިމާރާތަށް ވަންނަން ހުރި ދޮރުގެ ބޭރުގައި އަތްތިލައެއް ފެންނަ ގޮތަށް ލޭ ކޭއްތިފައި ހުއްޓެވެ. އެ ސަރަހައްދުން ލޭ ކޭއްތިފައި ހުރި ފޫޓެއްގެ ދިގުމިނުގެ ކަތިވަޅިއެއް ވެސް ފެނިފައިވެއެވެ.

ބިދޭސީންތަކެއް އުޅުނު އެ ސައިޓްގެ ސިޓިން ރޫމުގެ ފާރުގެ ބިތަށް ބުރައިގެން ގޮސްފައި ހުރި ގޮތަށް ލޭ ކޭއްތިފައި ހުރި ކަމަށް ވެސް ފުލުސް މީހާ ކިޔައިދިނެވެ. އެ ތަނުގެ ފާރާއި ތަޅުންގަނޑު މައްޗާއި އޭގެ މަތީ އަޅާފައި އޮތް ތަރަފާލު ގަނޑުގައި ވެސް ލޭ ކޭއްތިފައި ހުއްޓެވެ.

ޝާހް އަމާލް ދިރިއުޅޭ ކޮޓަރިތެރޭ އެނދުމަތީގައާއި ބާލީހާއި ބެޑްޝީޓްގައި ވެސް ލޭ ހުރިއިރު، ބާލީސް ދަށުން ހަތަރު ވޮލެޓާއި ސްމާޓް ފޯނަކާއި ފޮތަކާއި ހެޑެސެޓެއް ފެނުނު ކަމަށް ވެއެވެ. އެއިން އެއް ވޮލެޓްގައި 15،000 ރުފިޔާ އޮތް ކަމަށް ވެސް ފުލުސް މީހާ ކިޔައިދިނެވެ.

ބަބުލް މިއަހްއަށް މަރުގެ ތުހުމަތު ކުރެވުނީ އޭނާއާއި ސުވާލު ކުރުމުން ކަމެއް ފޮރުވަން މަސައްކަތް ކުރާ ގޮތަށް ޖަވާބު ދިނުމުންނެވެ. ހެކިބަސް ދިން ފުލުހުން ބުނެދިން ގޮތުން، އޭނާ ހުރީ އޭނާއަށް ލިބިފައިވާ ޒަޚަމްތައް ފޮރުވަން ފެންވަރާއި ސާފުވެ އެ ތަންތަނުގައި ބޭސް އަޅައި ބެންޑޭޖް އޮޅައިގެނެވެ.

އެ މާރާމާރީ ހިނގިއިރު އޭނާ ލައިގެން ހުރި މުންޑާއި އަންނައުނުތައް ވެސް ފުލުހުންނަށް ފެނިފައިވާއިރު، އެ ތަކެތީގައި ވެސް ލޭ ކޭއްތިފައި ހުރި ކަން ފުލުސް މީހާ ކިޔައިދިނެވެ.

މިއަދު މެންދުރުފަހުން ފެށިގެން އިރުއޮއްސެން ދެން ކުރިއަށް ދިޔަ ޝަރީއަތުގައި ތިން އޮފިސަރަކާއި ބަބުލް މިއަހް ވަޒީފާ އަދާކޮށްދިން ވެރިފަރާތުގެ ހެކި ބަސް ނެގިއިރު އަދި އިތުރު ދެ ޝަފައީ ހެކިންގެ ހެކިބަސް ނަގަން އެބަ އޮތެވެ.

މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ، މި މަހުގެ 24 ވަނަ ދުވަހަށް މި މައްސަލައިގެ އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފައިވާ ކަމަށެވެ. އެ ދުވަހުގެ އަޑުއެހުމަށް މިހާރު ހެކި ބަސް ނުނެގި އޮތް ދެ ޝަފައީ ހެކިންގެ ހެކިބަސް ނަގަން މަސައްކަތް ކުރާނެއެވެ.

މިއަދު ބޭއްވި އަޑުއެހުމަށް ހަ ހެކިން ވެސް ހާޒިރުވާން އަންގާފައި އޮތެވެ. ނަމަވެސް އެކަކު ހާޒިރުނުވިއިރު، ދެން ބައިވެރިވި އެއް ހެކިވެރިޔާގެ ސިއްޚީ ހާލަތު ހުރި ގޮތުން އޭނާއަށް ރަނގަޅަށް ވާހަކައެއް ނުދެއްކުނެވެ. ހެކިވެރިން ޝަރީއަތުގައި ބައިވެރިވީ އެ މީހުން ތިބި ރަށުގެ މެޖިސްޓްރޭޓަކަށް ހާޒިރު އޮންލައިންކޮށެވެ.