ރާއްޖޭގެ މޫސުންވެ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނޭކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް)އިން ލަފާކޮށްފައިވާތީ އަތޮޅުތެރޭގައި އެމްޓީސީސީން ދުއްވާ ބައެއް ފެރީތަކުގެ ޝެޑިއުލަށް ބަދަލުއައުން އެކަށީގެންވާ ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެ އެވެ.

މެޓް އޮފީހުން ވަނީ ރާއްޖެ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވެފައެވެ. އަދި އެ ތޫފާންގެ އަސަރު ރާއްޖެއަށް ނުސީދާކޮށް ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.

އެމްޓީސީސީން ވިދާޅުވީ، ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ކަނޑުގަދަވެ، ކޮޅިގަނޑުގައި 55 މޭލަށް ވައިގަދަވާނޭ ކަމަށް ލަފާކޮށްފައިވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެމްޓީސީސީން ވިިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނޭކަމަށް މެޓުން ލަފާކޮށްފައިވާތީ އަތޮޅުތެރޭގައި އެމްޓީސީސީން ދުއްވާ ބައެއް ފެރީތަކުގެ ޝެޑިއުލަށް ބަދަލުއައުން އެކަށީގެންވާ ކަމަށެވެ.

އެހެންކަމުން އެއް ރަށުން އަނެއް ރަށަށް މުދާ ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން ދުރާލާ އެމްޓީސީސީގެ މުދާ ފެރީ ޝެޑިއުލަށް އަންނަ ބަދަލުތައް އެރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށް ސާފުކުރުމަށް ވަނީ އެދިފައެވެ.

ކޮވިޑް-19 އާ ގުޅިގެން މިހާރު ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާކޮށްފައިވާތީ، އަތޮޅު ތެރޭގައި މިހާރު އޮންނަނީ އެމްޓީސީސީ މުދާ ފެރީގެ ހިދުމަތް އެކަންޏެވެ.