މާލެ ސިޓީގެ އިންތިޚާބީ ކައުންސިލަރުން މަގާމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ސަލްޓަން ޕާކްގައި ބާއްވަން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ރޭ ނެރުނު އިއުލާނެއްގައިވާ ގޮތުން، އެ ރަސްމިއްޔާތު ސަލްޓަން ޕާކްގައި އޮންނާނީ މާދަމާ ހެނދުނު 9:00 ޖަހާއިރުއެވެ.

މި ރަސްމިއްޔާތަށް އާންމުންނަށް ވަދެވޭ ގޮތަށް ހުޅުވާލާފައި ނުވާ ކަމަށް އެ އިއުލާނުގައި ބުނެއެވެ. ސަބަބަކީ މާލެ ސަރަހައްދުގައި ވެސް ހަލުވި ކަމާއެކު ކޮވިޑްގެ ބަލިމަޑުކަން ފެތުރެމުން ދިއުމެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް މެދުވެރިކޮށް އަދި މާލެ ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖްގައި އެ ރަސްމިއްޔާތު ލައިވް ކުރާނެ ކަމަށް އެ އިއުލާނުގައިވެއެވެ.

މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލެ ސިޓީގެ ސާފު އަޣުލަބިއްޔަތު ފުރަތަމަ ފަހަރަށް ޕީޕީއެމުން ވަނީ ހޯދައިފައެވެ. މާލެ ސިޓީގެ މޭޔަރުގެ ގޮނޑި ހިމެނޭހެން ޕީޕީއެމުން 13 ގޮނޑިއެއް ކާމިޔާބު ކުރިއެވެ. އެމްޑީޕީން ކާމިޔާބު ކުރީ ހަ ގޮނޑިއެކެވެ. ޖުމްހޫރީ ޕާޓީއަށް ވެސް ގޮނޑިއެއް ލިބިފައިވެއެވެ.

މި އިންތިޚާބުގައި އެމްޑީޕީން ވަނީ 400 އެއްހާ ގޮނޑި ކާމިޔާބުކޮށްފައެވެ. އިދިކޮޅު ޕީޕީއެމްއިން ވަނީ 330 އެއްހާ ގޮނޑި ކާމިޔާބުކޮށްފައެވެ. ވެރިރަށް މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ މެޖޯރިޓީ ފުރަތަމަ ފަހަރަށް ޕީޕީއެމުން ހޯދިއިރު، އައްޑޫ ސިޓީ ކައުންސިލްގައި އެންމެ ގޮނޑިއެއް އިތުރަށް އެމްޑީޕީއަށް ލިބިގެން އެ ޕާޓީއަށް އޮތީ ހަނި މެޖޯރިޓީއެކެވެ. ކުޅުދުއްފުށި ސިޓީއާއި ފުވައްމުލައް ސިޓީގައި އޮންނާނީ އެމްޑީޕީގެ މެޖޯރިޓީއެވެ.

ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމާފައިވަނީ އިންތިޚާބީ ކައުންސިލަރުން މަގާމުގެ ހުވާ ކުރުން މާދަމާ ކުރިއަށް ގެންދިއުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮވިޑް

    ޝިފާ ހީކުރީ ހޮވިފަ އެތިބަ ކައުންސިލަރުންނަކީ އިއްޒަތް ހޯދަން އުޅޭބަޔެކޭތަ؟ ނޫން ނޫން ޝިފާ، މާލެ ރައްޔަތުން ނަށް ނުލިބުން ޝީފާ ހޯދަދޭން އައިސް އެތިބީ. އޮންލައިން ކޮށް ހުވާކުރުވާބަލަ އެ ބޭފުޅުން އެތިބީ ހިދުމަތަށް ނުކުން ނަން ފެނަބޮވާފަ، އިންޝާ ﷲ މީ ކަން ކުރާނެ އަދި ކުރެވޭނެ ބޭފުޅުންކަން ސާބިތުވާނެ .

    11
    1
  2. ޑިމޮކްރަޓިސްޓް

    ސަޅި. ރައީސް ޔާމީންގެ ބުރަ މަސައްކަތުގެ ފައިދާ ފެނިގެން މިދަނީ. މިޔަދު އެ ޕާކަކީ ވަރަށްވެސް މުހިންމު ތަނަކަށްވެއްޖެ.