ގއ.ކޮނޑޭ، ހއ.ފިއްލަދޫ، ލ.މާބައިދޫ ކައުންސިލްގެ އިންތިޚާބީ ރައީސުންނާއި ތ.ކަނޑޫދޫ ކައުންސިލްގެ އިންތިޚާބީ ކައުންސިލަރުން މަގާމުގެ ހުވާ ކުރުން ފަސްކުރަން ހައި ކޯޓުން އަމުރުކޮށްފިއެވެ.

ތިން ރަށެއްގެ އިންތިޚާބީ ރައީސް އާއި ކަނޑޫދޫ ކައުންސިލް މެންބަރުން މަގާމުގެ ހުވާ ކުރުން ފަސްކޮށްފައި މިވަނީ، ހައި ކޯޓަށް ހުށަހެޅިފައިވާ އިންތިޚާބީ މައްސަލާގައި އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅަން ދެން އެ ކޯޓުން ނެރެފައިވާ ވަގުތީ އަމުރެއްގައެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކޮނޑޭ ކައުންސިލްގެ ރައީސަށް އިންތިޚާބު ވެފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަޙްމަދު އަބްދުލް ޙަކީމެވެ. އޭނާއަށް 130 ވޯޓް ލިބިފައިވެއެވެ. އެއީ އަމިއްލަ ކެންޑިޑޭޓް ޝުއައިބް މުޙައްމަދު ދީދީއަށް ވުރެ ދެ ވޯޓް އިތުރަށް ލިބިގެންނެވެ. ޝުއައިބަށް 128 ވޯޓް ލިބިފައިވެއެވެ. އަމިއްލަ ކެންޑިޑޭޓް ސިޔާމް މުހައްމަދަށް 64 ވޯޓް ލިބިފައިވެއެވެ.

ކަނޑޫދޫ ކައުންސިލްގެ އަންހެނުނަށް ޚާއްސަ ކޮށްފައިވާ ދެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް ފަރީސާ އަބޫބަކުރާއި، ޕީޕީއެމްގެ ކެންޑިޑޭޓް ފާތިމަތު ރަސްމާއެވެ. މީގެ ތެރެއިން އިންތިޚާބުވެފައިވާ އެމްޑީޕީގެ ކެންޑިޑޭޓާއި ދެން ތިބި ކެންޑިޑޭޓުންނަށް ލިބުނު ވޯޓާ ދެމެދު އޮތީ ފަސް ވޯޓެވެ. އާންމު މެންބަރުންގެ ދެ ގޮނޑިއަށް އިންތިޚާބުވެފައިވަނީ އެމްޑީޕީގެ ދެ ކެންޑިޑޭޓުން، ނައުޝާދު އަބްދުﷲ އާއި އިލްޔާސް މުޙައްމަދެވެ.

ހއ. ފިއްލަދޫ ކައުންސިލްގެ އިންތިޚާބީ ރައީސްއާއި ލ. މައިބަދޫ ކައުންސިލްގެ ރައީސްގެ ހުވާކުރުން ފަސްކޮށްފައި ވަނީވެސް ހައި ކޯޓަށް ހުށަހެޅިފައިވާ އިންތިޚާބީ މައްސަލަތަކެއްގައި އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅަން ދެނެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ކައުންސިލްތަކަށް ލިބިދޭ ބާރާއެކު އާ ކައުންސިލްތަކުގެ މެންބަރުން މިއަދު ހުވާ ކުރާއިރު، ކައުންސިލްތައް އިންތިޚާބު ކުރެވިފައި މި ވަނީ އިންތިޚާބު ކުރަން އޮތް ތާރީޚަށް ވުރެ އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. އެއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެގެން މުޅި ރާއްޖެ ފުރަބަންދު ކުރުމުން އިންތިޚާބު ފަސްކުރަން ޖެހިގެނެވެ.