ޅ. އޮޅުވެލިފުށި ފްލޫ ކްލިނިކަށް ދެއްކި ފަސް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އޮޅުވެލިފުށި ކައުންސިލްގެ ރައީސް މުހައްމަދު އާޒިމް "ވަގުތު" އަށް ވިދާޅުވީ، ފައްސިވެފައިވާ ފަސް މީހުންނަކީ ރޯގާ ޖެހިގެން އެރަށު ފްލޫ ކްލިނިކަށް ދެއްކި ފަސް މީހުން ކަމަށާއި އޭގެ ތެރޭގައި ހައިރިސްކު ބޭފުޅެއް ވެސް ހިމެނޭ ކަމަށެވެ.

ފައްސިވެފައިވާ މީހުންގެ ތެރޭގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޮޒު އަދި ދެވަނަ ޑޮޒު ފުރިހަމަ ކޮށްފައިވާ ބޭފުުން ވެސް ހިމެނޭ ކަމަށް ބެލެވޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

މިއީ އޮޅުވެލިފުށިން ފުރަތަމަ ފައްސިވެފައިވާ 5 ވޭދަނައެވެ. މިއާއި އެކީ އެރަށަށް އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ.

އެރަށުން ފައްސިވެފައިވާ މީހުންނަކީ އެއްވެސް ރަށަކަށް ދަތުރު ކޮށްފައި ނުވާ ބައެއް ކަމުން ރަށު ތެރޭގައި ބަލި ފެތުރޭ ކަމަށް ބެލެވޭ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މިވަގުތު ފައްސިވެފައިވާ މީހުންނާއި ގާތުން އެއްތާވި މީހުން ބަލައި ފަސް ވަރަކަށް ގެ މޮނިޓަރިންގެ ހާލަތަށް ގެނެސް، މިރޭގެ ވަގުތެއްގައި ބައެއް ބޭފުޅުންގެ ސުންކު ނަގާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އިންސައްތަ އިތުރުވަމުން އަންނައިރު، ފަހަކަށް އައިސް އަތޮޅުތެރޭގެ ރަށްތަކުން ވެސް ކޮވިޑަށް ފައްސިވާ މީހުންގެ އިންސައްތަ ވަނީ އިތުރުވެފައެވެ. އެގޮތުން މިވަގުތު ވެސް 105 ރަށެއްގައި 2.969 ވޭދަނައެއް އެބަ ހުރި ކަމަށް އެޗްއީއޯސީ އިން ވަނީ ހަމަ ކޮށްފައެވެ.