ކޮވިޑް-19 ޖެހިގެން މިއަދު އިތުރު މީހަކު ނިޔާވެއްޖެ އެވެ.

މިއީ މިއަދު ކޮވިޑްގައި ނިޔާވި ދެވަނަ މީހާ އެވެ. މިއަދު އެންމެ ފުރަތަަ ކޮވިޑްގައި ނިޔާވެފައި ވަނީ، ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ އުމުރުން 83 އަހަރުގެ އަންހެނެކެވެ.

"ވަގުތު"އަށް މައުލޫމާތު ލިބިފައިވާގޮތުގައި، ކޮވިޑްގައި މިއަދު ދެން ނިޔާވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11ގައި ފަރުވާދެމުންދިޔަ ދިވެހި ފިރިހެނެކެެވެ.

ނިޔާވި މީހާގެ އުމުރަކީ 62 އަހަރެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ 11 ވަނަ ފަންގިފިލާގައި އޭނާ ނިޔާވެފައިވާ ކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިއުލާނު ކޮށްފައެވެ.

މިއާއިއެކު ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 160 އަށް އަރާފައެވެ.

މިއަދު ކޮވިޑްގައި ދެ މީހަކު ނިޔާވެފައިވާއިރު، އެ ބަލީގައި އިއްޔެ މީހަކު ނިޔާވެފައެއް ނުވެއެވެ. އިއްޔެއަކީ ފާއިތުވި 16 ދުވަސް ތެރޭގައި އެ ބަލީގައި މީހަކު ނިޔާ ނުވާ ހަމައެކަނި ދުވަހެވެ.

މި ބަލީގައި މިހާތަނަށް އެންމެ ގިނަބަޔަކު ނިޔާވި މަހަކަށް މެއި މަސް މި ވަނީ ވެފައެވެ. އެގޮތުން މި މަހު ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު ވަނީ 88 އަށް އަރައިފައެވެ.

ރާއްޖެއިން ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދުތައް އިތުރުވަމުން އަންނައިރު، އެ ބައްޔަށް ފައްސިވާ އަދަދުތައްވެސް ވަނީ ވަރަށް ބޮޑަށް މަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު