އެމްޑަބްލިޔުއެސްސީއިން ނ.ހެނބަދޫ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

އެމްޑަބްލިޔުއެސްސީއިން އިން ބުނީ މިހާރު ކުރިއަށްދާ މަސައްކަތްތަކަކީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ މަސައްކަތްތަކާއި އަދި ފެނުގެ މައި ނެޓްވޯރކުގެ ހޮޅި ވަޅުލުމުގެ މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ހެނބަދޫގައި 4.83 ކިލޯ މީޓަރގެ ދިގު ފެން ފޮޅީގެ މައި ނެޓްވާރކް ޤާއިމް ކުރުމާއި އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބެހެއްޓުން ހިމެނެއެވެ.

އަދި މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ. މިއާއިއެކު، ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު މިމަޝްރޫޢުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހެނބަދޫ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މިމަޝްރޫޢުގެ އަގަކީ ޖުމްލަ 41,360,972.01 މިލިއަން ދިވެހި ރުފިޔާ އެވެ. މި މަޝްރޫޢުގެ މުއްދަތަކީ 15 މަސް ދުވަހެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ހެނބަދޫ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެއެވެ.

ހެނބަދުއަކީ ފެން ލޮނުވެފައިވާ ރަށެކެވެ. އެހެންކަމުން އެރަށުގެ ރައްޔިތުން ރަށުގައި ފެނުގެ ނިޒާމެއް ގާއިމު ކޮށްދިނުމަށް އެދެމުން އަންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެއެވެ.