ރ.އަތޮޅު ފައިނުން ދެމީހަކު ކޮވިޑް-19 އަށް ފައްސިވުމުން އެރަށަށް އަރައި ފޭބުން މަނާކޮށް ރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިނުން ދެމީހަކު ކޮވިޑަށް ފައްސިވީ ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރުމުންނެވެ. ރޭ ފައިނުން ކޮވިޑަށް ފައްސިވި ދެމީހުންގެ ސުންކު ނަގާފައި ވަނީ ހުކުރު ދުވަހު އެވެ.
ފައިނުން ދެމީހަކު ކޮވިޑަށް ފައްސިވުމުން ފައްސިވި މީހުންނާއި ގާތުން އެއްތާވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ދެމީހަކު ކޮވިޑަށް ފައްސިވުމުން ކޮންމެހެން ގެއިން ނިކުންނަން ޖެހިގެން ނޫން ގޮތަކަށް އެއްވެސް މީހަކު ގެއިން ނުނިކުތުމަށް އެރަށުގެ ކައުންސިލުންނާއި ހެލްތު ސެންޓަރުން ވަނީ އިލްތިމާސް ކޮށްފައެވެ.
ފާއިތުވި ދެމަހެއްހާ ދުވަހު އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި ވަނީ ކޮވިޑް ފެތުރިފައެވެ. މިހާރު ވެސް މުޖުތަމައުގެ ތެރޭގައި ކޮވިޑް ފެތުރޭތީ 70 އަށް ވުރެ ގިނަ ރަށް މޮނިޓަރިންގެ ހާލަތައް ގެނެސް އަރައި ފޭބުން މަނާކޮށްފައި އެބައޮތެވެ.
އަވަށްޓެރި ފައިނު ގެ ރައްޔިތުން ހެޔޮ ޙާލުގައި ލައްވައި، ފައްސިވި ދެބޭފުޅުންނަށް ވެސް އަވަސް ޝިފާއެއް މިންވަރު ކުރައްވާށީ! އާމީން