ހދ. ކުޅުދުއްފުށި ސިޓީގައި ޒުވާނަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ފަހުން ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފިއެވެ.

މި މައްސަލާގައި މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެންމެ ފުރަތަމަ މި މައްސަލާގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ.

އެ މައްސަލާގައި ފަހުން ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ ދިވެހި ފިރިހެނަކާއި، 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ،އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރު ކުރި ދެ މީހުންނަށް 15 ދުވަހުގެ ބަންދުގެ މުއްދަތު ކޯޓުން ޖަހާދީފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ރަހީނުކުރި ޒުވާނާ އެރުވި ކަމަށް ބެލެވޭ ކާރު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ 20:48 ހާއިރެވެ.

ރަހީނު ކުރުމުގެ ސަބަބުން އަނިޔާވި ޒުވާނާގެ ބޮލަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.