ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނު ޝަހްސު އޮޅުވާލިކަމުގެ މައްސަލައިގައި އޭނާ ދިފާއުގައި 47 ހެކިން ހުށަހެޅި ނަމަވެސް އެންމެ 6 ހެކިންގެ ހެކިބަހުން ފުދޭނެ ކަމަށް ނިންމައި މައްސަލަ ކުރިއަށް ގެންދިއުމަށް މިއަދު ގާޒީ ނިންމަވައިފިއެވެ.

ޕީޕީއެމްގެ ދިދައާއި ލޯގޯ ގަވާއިދާއި ހިލާފަށް ޕްރެސް ކޮންފަރެންސެއްގައި ބޭނުން ކުރި ކަމަށް ބުނެ ފާރިސްގެ މައްޗަށް ކޮށްފައިވާ މި ދައުވާގެ މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމަކީ އޭނާގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން ބައެއް ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ. މިއަދު ވަނީ ފަސް މީހެއްގެ ހެކިބަސް ނަގާފައެވެ. އެ ފަސް މީހުންނަކީ ޕީޕީއެމްގެ ކައުންސިލް މެމްބަރު ކަން ކުރި އައިމިނަތު ނާދިރާއާއި، މީގެ ކުރިން ޕީޕީއެމްގެ ޑެޕިއުޓީ ސެކެޓްރީކަން ކުރި އަބްދުލް އަލީމް އާއި ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުނު އިބްރާހިމް އަފްރާދު އާއި، ސަންގު ޓީވީގެ ވިޑިއޯ ޖާނަލިސްޓެއް ކަމަށްވާ އަހުމަދު މުހައްމަދު އާއި އަޒްމޫން އަހުމަދު ދީދީ އެވެ.

އިއްޔެ އޮތް އެ މައްސަލައިގެ އަޑުއެހުމުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވެއިރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ގެ ހެކިބަސް ނަގާފައެވެ. އެހެން ކަމުން ފާރިސް ހުށަހެޅި ހެކިންގެ ތެރެއިން ހެކިބަސް ނަގާފައި ވަނީ އެންމެ ހަ މީހުންގެއެވެ.

މިއަދު ފަސް މީހުންގެ ހެކިބަސް ނެގުމަށް ފަހު ގާޒީ ވިދާޅުވީ މި މައްސަލައިގައި އަދި އަށް މީހެއްގެ ހެކިބަސް ނެގިފައި ނުވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ޖަލުގައި ތިބި ހެކިވެރިންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ހެކިވެރިން ހިމެނޭކަން ފާހަގަ ކުރެއްވިއެވެ. ބާކީ އަށް ހެކިން ހުރި ކަމަށް ވިދާޅުވި ނަމަވެސް ގާޒީ ވިދާޅުވީ މިހާރު ނަގާފައިވާ ހެކިބަހުން ފުދޭ ކަމަށާއި އެކަށީގެންވާ ވަރަށް ދިިފާއީ ހެކިންގެ ހެކިބަސް ނެގިފައިވާ ކަމަށެވެ. އަދި އިތުރު ހެކިންގެ ހެކިބަސް ނުނަގައި މައްސަލަ ކުރިއަށް ގެންދިޔުމަށް ގާޒީ ނިންމެވިއެވެ.

އެއާއެކު ފާރިސްގެ ވަކީލު މައުމޫން ހަމީދު ވަނީ ބަންދުގައި ހުރުމަކީ މީހަކު ހެކިވެރިއެއްގެ ގޮތުގައި ކޯޓަށް ނުގެނެވޭނެ ސަބަބެއް ނޫން ކަމަށާއި، ނުނެގި ތިބި ހެކިންގެ ތެރޭގައި ދިފާއު ބިނާ ކުރުމަށް މުހިންމު ފަރާތްތައް ހިމެނޭ ކަމަށް ވިދާޅުވިއެވެ. އެގޮތުން ކުރީގެ ސީޕީ އަރީފު އަކީ އެންމެ މުހިންމު ހެކިވެރިޔާ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ. އެހެން ކަމުން ހެކިވެރިންގެ ހެކިބަސް ނެގުމަށް އިތުރު ފުރުސަތު ދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.

އެހެން ނަމަވެސް، އިތުރު ހެކިވެރިން ހާޒިރު ނުކޮށް މައްސަލަ ކުރިއަށް ގެންދަވަން ނިންމަވާާފައިވާކަން ތަކުރާރުކޮށް ގާޒީ ވިދާޅުވީ މާދަމާ އެ މައްސަލައިގެ ހުލާސާ ބަޔާން އިއްވުން އޮންނާނެ ކަމަށެވެ. އެގޮތުން 13:30 އަށް އަޑުއެހުމެއް ތާވަލު ކުރާނެ ކަމަށް ވިދާޅުވިއެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ހެންވެއިރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ގެ ހެކިބަސް ނެގި އިރު މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ފާރިސް ޕީޕީއެމް ތަމްސީލު ކުރެއްވިތޯ ސުވާލު ކުރެއްވުމުން އޭނާ އެކަން ކުރެއްވި ކަމަށާއި އޭނާ ޕީޕީއެމްގެ ފަރާތުން އެ ކޮމިޓީއަށް ހުށަހެޅީ 2017 ވަނަ އަހަރު ކަމަށް ރުުކުމާ ވިދާޅުވިއެވެ. އަދި ޕެޓިޝަން ކޮމިޓީއިން ފާރިސް ވަކި ކުރި ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

މިއަދު އެންމެ ފުރަތަމަ ހެކިބަސްދިން އައިމިނަތު ނާދިރާ އާއި ސުވާލު ދިފާއީ ވަކީލުން ސުވާލު ކުރެއްވި އިރު އޭނާ ވިދާޅުވީ ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ފާރިސް ހުންނެވި ކަމަށާއި، ކައުންސިލް މެމްބަރުންނަށް ޕީޕީއެމްގެ ނަމުގައި ރަސްމީ ހައިސިއްޔަތުން ސިޓީ އާއި އެހެނިހެން ތަކެތި ފޮނުވައި ހެދޭނެ ކަމަށެވެ. އަދި ފާރިސް ގަވާއިދާ ހިލާފަށް ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުން ކުރެއްވި ކަމަށް ބުނާ ޕްރެސް ކޮންފަރެންސްގައި އޭނާ ތަމްސީލު ކުރެއްވީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަމަށާއި އޭނާ ޕީޕީއެމްގެ ވަކި ފެކްޝަނަކަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވާފައި ނުވާ ކަމަށް ނާދިރާ ވިދާޅުވިއެވެ.

މީގެ އިތުރުން އެ ޕްރެސް އަށް އޭނާ އަމިއްލަފުޅަށް ދިދައަކާއި ލޯގޯއެއް ނުގެންދަވާ ކަމަށް ވިދާޅުވިއެެވެ. މީގެ އިތުރުން އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނައިފަރު ދާއިރާ އަށާއި މަހިބަދޫ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތި ލެއްވި ދެބޭފުޅުން ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުން ކުރެއްވިކަން އެނގޭތޯ ވަކީލު އެއްސެވުމުން ނާދިރާ ބުނީ އެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެ މައްސަލަ ޕީޕީއެމްގެ ކައުންސިލަށް ވެސް ފުލުހަށްވެސް ހުށަ ނާޅާ ކަމަށް ވިދާޅުވިއެވެ.

ހެކިބަސް ދިން އަބްދުލް އަލީމް ބުނީ ފާރިސް އަކީ ޕީޕީއެމް އުފެއްދުމުގައި އިސްކޮށް އުޅުއްވި ބޭފުޅެއް ކަމަށާއި އޭނާ އަކީ އެ ޕާޓީގެ މުވައްސިސެއް ކަމަށް އެނގޭ ކަމަށެވެ. އަދި ޕީޕީއެމްގެ ލޯގޯ އާއި ދިދަ އެ ޕާޓީގެ ކޮންމެ މެމްބަރަކަށް ވެސް ބޭނުން ކުރެވޭނެ ކަމަށާއި، ފާރިސް ޕީޕީއެމްގެ އަސާސީ ގަވާއިދާއި އެއްގޮތަށް އެ ޕާޓީއިން ވަކިކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ފާރިސް ޕީޕީއެމްގެ އިސްލާހީ މަސައްކަތް ކުރެއްވީ އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހުއްދައާއިި އެކު ކަމަށާއި އޭނާ ޕްރެސްގައި ބައިވެރިވީ މައުމޫން ތަމްސީލު ކުރެއްވުމުގެ ގޮތުން ކަމަށް ބުންޏެވެ. އަދި ޕްރެސްއަށް އޭނާ ދިދައަކާއި ލޯގޯއެއް ނުގެންދަވާ ކަމަށާއި ތަމްސީލު ކުރައްވަނީ ޕީޕީއެމްއޭ ވެސް ޕްރެސްގައި ވިދާޅުނުވާ ކަމަށް ބުންޏެވެ.

މީގެ އިތުރުން ފާރިސް ޕީޕިއެމް އިން ވަކިކުރީ ޕާޓީގެ އެސްޖީއަށް ނާންގާ ބޭއްވި ޖަލްސާއެއްގެ ތެރެއިން ކަމަށާއި އެފަދަ ޖަލްސާއެއްގައި ނިންމާ ކަންތަކަށް އަމަލު ކުރަންވެސް ނުޖެހޭނެ ކަމަށް އޭނާ ބުންޏެވެ. މީގެ ކުރިން ޕީޕީއެމްގެ އިންތިހާާބު ކޮމިޓީގެ މެމްބަރުކަން ކުރި އިބްރާހިމް އަފްރާދުވެސް ހެކިބަސް ދެމުން ބުނީ ފާރިސް އަކީ ޕީޕީއެމް ފެށުނީއްސުރެ އިސްކޮށް އުޅުއްވި ފަރާތެއް ކަމަށެވެ. އަދި ޕީޕީއެމް އުފެއްދުމުގެ ތެރެއިން ޕީޕީއެމް ހިންގުމަށް އިލެކްޝަންސް އިން ހުއްދަ ދެއްވީވެސް ފާރިސް އަށް ކަމަށާއި އޭނާ ޕްރެސް އަށް ދިޔައީ ދިދައެެއް ނުވަތަ ލޯގޯއެއް ހިފައިގެން ނޫން ކަމަށް ބުންޏެވެ. އަދި ފާރިސް މަސައްކަތް ކުރައްވަމުން ގެންދެވީ ޕީޕީއެމްގެ ރައީސްގެ އިރުޝާދުގެ ދަށުން ކަމަށް ބުންޏެވެ.

ސަންގުޓީވީގެ ވިޑީއޯ ޖާނަލިސްޓު އަހްމަދު މުހައްމަދު ވެސް ބުނެފައި ވަނީ ފާރިސް ޕްރެސްއަށް އެއްވެސް ދިދައެއް ލޯގޯއެއް ގެންގޮސްފައި ނުވާ ކަމަށެވެ. އަދި ކުރިން ރިޕޯޓު ކޮށްފައިވާ ކަންތަކަށް ބަލާއިރު ބެލެވެނީ ފާރިސް މަސައްކަތް ކުރީ ޕީޕީއެމްގެ ރައީސްގެ ދަށުން ކަމަށް ބުންޏެވެ. އަޒްމޫން އަހުމަދު ދީދީ ހެކިބަސް ދިން އިރު ޕްރެސްގައި ތިބި ފަރާތްތައްް ފާހަގަ ކުރަމުން ފާރިސްއާއި އެއްވެސް ޕާޓީއަކާއި ނުގުޅުވައި ވާހަކަ ދެއްކުމުން ދައުލަތުގެ ވަކީލުން ވަނީ ސުވާލު އުފައްދާފައެވެ.

އެކަމާއި ބެހޭގޮތުން އަޒްމޫން ބުނީ ފާރިސް އެދުވަހު ވާހަކަ ދެއްކީ ވަކި ޕާޓީއެއްގެ ގޮތުގައި ނޫން ކަމަށާއި އޭނާ ދެއްކީ ދިއްގަރު ދާއިރާގެ މެމްބަރުގެ ހައިސިއްތުން ކަމަށެވެ.

ފާރިސްގެ ޝަހްސު އޮޅުވާލުމުގެ މައްސަލައިގައި 6 ހެކިންގެ ހެކިބަސް ނަގައި މާދަމާ ހުލާސާ ބަޔާން އިއްވާއިރު މި މައްސަލަ ކުރިއަށް ގެންދަނީ ފަސް މަސް ދުވަހު އަޑުއެހުމެއް ތާވަލު ނުކޮށް އޮތުމަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަބޭސް

    ފާރިސް އަކީ ފަރުދެއް ޕީ ޕީ އެމްއަކީ ސިޔާސީ ގޮތުން ބޮޑު ޕާޓީ އެއް ޕާޓީ އަށް ގެއްލުމެއް ވެފަނުވާ ކަމެއްގައި ތިވަރުން ހިފުމުގެ މާނައެއް އޮތް ކަމަކަށް ނުފެނެ ޕާޓީގެ ޝަރަފަށްޓަކައި ތިމައްސަލަ ދޫކޮށްލަން ފެނޭ 100% ޕީޕީއެމް