ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ހިންގަމުންދާ އިންކުއަރީއަށް ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ ޑިރެކްޓަރު ކާނަލް އިބްރާހީމް ނައީމް ހާޒިރުކޮށްފިއެވެ.

މި ކޮމިޓީން ހިންގަމުންދާ އިންކުއަރީއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކުއިރިޓީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ފޫއަޅުވާލި ގޮތުގެ މައްޗަށް ހިންގަމުންދާ އިންކުއަރީއެކެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި މި އިންކުއަރީއަށް މިއަދު ހަވީރު 4:30 ހާކަށް ހާއިރު އެންސީޓީސީގެ ޑިރެކްޓަރު ކާނަލް ނައީމް ވަނީ ހާޒިރުކޮށް ސުވާލުކޮށްފައެވެ.

އެންސީޓީސީގެ ޑިރެކްޓަރު ކާނަލް ނައީމްގެ އިތުރުން އެންސީޓީސީގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވެސް ވަނީ މިއަދުގެ ވަގުތެއްގައި ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ފުލުހުންގެ އިންޓެލިޖެންސްގެ ބައެއް އޮފިސަރުންނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުލް ރަހީމް ވެސް އެ ކޮމިޓީއަށް ހާޒިރު ކޮށްފައިވެއެވެ.

ނަޝީދުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރު މަގު ހުސްކޮށް ޕާކް ނުކުރެވޭ ގޮތަށް ހަދަން ބިއްލޫރިޖެހި ގޭގައި ޕާކިން ޒޯނެއް ހެދުން ލަސްވިއިރު، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި މާލެ ސިޓީގެ އޭރުގެ މޭޔަރު ޝިފާ މުހައްމަދު ވެސް ހާޒިރު ކޮށްފައިވެއެވެ.

މި މަހުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާ އިންކުއަރީއަށް ސިފައިންގެ ވަކިވަކި ބޭފުޅުން ހާޒިރުކުރުމަށް އެމްއެންޑީއެފްގައި އެދުމުން އެ ކަމަށް ދެކޮޅު ހެދި މައްސަލަ ވަނީ ހޫނުވެފައެވެ.

މި ގޮތަށް ފޮނުވި ލިޔުމުގައި ސޮއި ކުރައްވާފައިވާ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވިއެވެ. އެކަމަކު އެ މައްސަލަ ތަހުގީގު ކުރަން ފުލުހަށް ހުށަހަޅަން ލަފާދީ އެ މައްސަލަ އަނބުރާ ފޮނުވާލިއެވެ.

މަޖިލީހުގެ އިމްތިޔާޒުތަކަށް އެރި ކަމުގެ ތުހުމަތުގައި ޒަމީލްގެ މައްސަލަ ބަލަން އިމްތިޔާޒު ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން ވެސް ވަނީ މައްސަލަ ބޭރުކޮށްލައިފައެވެ. އެ ގޮތަށް ފާސްވީ އެމްޑީޕީގެ މެންބަރުންގެ ވޯޓު ލިބިގެންނެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މެންބަރުންނާއި ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންގެ ދެމެދުގައި ބަހުގެ ހަމަލާތަކެއް ވެސް ދަނީ ރައްދު ކުރެއްވެމުންނެވެ.

ހަރުކަށި ފިކުރުގެ ބަޔަކު އިސްވެގެން ހިންގި ކަމަށް ބެލެވޭ ހަމަލާއަކުން ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭއިން ހަފުތާއެއްހާ ދުވަހު ފަރުވާ ހޯއްދަވައި އޮޕަރޭޝަންތަކެއް ވެސް ކުރިއެވެ. އެމަނިކުފާނު މި ވަގުތު ހުންނެވީ ޖަރުމަނުގައެވެ.