ކޮވިޑް-19 ގައި ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު 200 އަށް އަރައިފިއެވެ.

ގދ.ތިނަދޫ އަބްދުލްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދިޔަ މީހަކު ކޮވިޑް ޖެހިގެން މިއަދު ވަނީ ނިޔާވެފައެވެ. މިއީ ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި 200 ވަނަ މީހާއެވެ.

އަބްދުލްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ ކޮވިޑް ޖެހިގެން އެހޮސްޕިޓަލްގައި ނިޔާވެފައި ވަނީ 79 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ނިޔާވީ ރޭ ފަތިހު 05:00 ގައެވެ.

ކޮވިޑް ޖެހިގެން ރާއްޖެ އިން ފުރަތަމަ މީހަކު ނިޔާވީ 2020 ވަނަ އަހަރުގެ އޭޕްރީލް 30 ވަނަ ދުވަހު އެވެ. ކޮވިޑް ޖެހިގެން ރާއްޖޭގައި ނިޔާވާ މީހުންގެ އަދަދު މެއި މަހުން ފެށިގެން އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މިއަހަރުގެ އޭޕްރީލް މަސް ނިމުނު އިރު ކޮވިޑް ގައި ރާއްޖެ އިން ނިޔާވެފައި ވަނީ 73 މީހުންނެވެ. ނަމަވެސް އޭގެ ފަހުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވުމާއިއެކު ކޮވިޑް ޖެހިގެން ފާއިތުވި ދޮޅުމަސް ދުވަހުގެ ތެރޭގައި ވަނީ 127 މީހުން ނިޔާވެފައެވެ.

ކޮވިޑްގައި ރާއްޖެ އިން މިހާތަނަށް އެންމެ ގިނަ މީހުން ނިޔާވެފައި ވަނީ މެއި މަހުގެ 24 ވަނަ ދުވަހު އެވެ. އެދުވަހު 13 މީހަކު ވަނީ ކޮވިޑް ޖެހިގެން ނިޔާވެފައެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ނިޔާވި އެންމެ ހަގު މީހަކީ 10 އަހަރުގެ އަންހެން ކުއްޖެކެވެ. އެކުއްޖާ ނިޔާވީ ހާލު ސީރިއަސް ވެގެން ހޮސްޕިޓަލަށް ގެންދަން އެމްބިއުލަންސަށް ގުޅުމުން ވެސް އެމްބިއުލާންސް ނައުމުން ފަރުވާ ލަސްވުމުންނެވެ.

ފަހަކަށް އައިސް ކޮވިޑްގައި ނިޔާވާ ޒުވާނުންނާއި މެދުއުމުރުގެ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. މިމަހު ވެސް ވަނީ 25 އަހަރުގެ އަންހެނަކާއި 27 އަހަރުގެ ފިރިހެނަކު ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވެފައެވެ.

ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު މިހާރު އަންނަނީ ވަރަށް ބޮޑަށް މަދުވަމުންނެވެ. އިއްޔެ އިރުއޮއްސުނުއިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދިޔައީ 79 މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު