ގދ. ތިނަދޫން އިތުރު 21 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެ ރަށުން އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 451 އަށް އަރައިފިއެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެރަށުގައި މިވަގުތު މިހާރު ބަލިޖެހިފައި ތިބީ 196 މީހެކެވެ. އެރަށުން ކޮވިޑް ޖެހުނު 255 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، އޭގެ ތެރެއިން 14 މީހަކު ރަނގަޅުވެފައި ވަނީ މިއަދު އެވެ.

އެރަށަކީ މިހާރު ރާއްޖޭގައި އެންމެ ގިނަބަޔަކު ކޮވިޑަށް ފައްސިވަމުންދާ އެއް ރަށެވެ.

އެރަށުން ކޮވިޑް ފެނި ރަށް ބަންދުކޮށްފައި އޮންނަތާ ދެ މަސް ވާން ކައިރިވެފައިވާއިރު، އެރަށުގެ ހާލަތު ގޯސްވަމުންދާތީ މިހާރު އެރަށުގައި ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން ހަވީރު 4:00 އިން ފަތިހު 4:00 އަށް ކާފިއު އިއުލާނުކޮށްފައިވާއިރު، އެ ނޫން ގަޑިތަކުގައި ބޭރަށް ނުކުމެ އުޅެވޭނީ ހުއްދަ ހޯދައިގެންނެެވެ.

ހޮސްޕިޓަލުން އާއްމުކޮށްފައިވާ މައުލުމާތަށް ބަލާއިރު، އެރަށުން ކޮވިޑް ޖެހުނު ދެ މީހަކަށް ފަރުވާދެމުން ދަނީ ފެސިލިޓީގައެވެ.

އަދި އެރަށުން ކޮވިޑް ޖެހުނު އެރަށު މީހަަކު އެ ބަލީގައި ވަނީ ނިޔާވެފައެވެ. އަދި އެރަށު ފެސިލިޓީގައި ފަރުވާދެމުންދިޔަ އެހެން މީހަކުވެސް ވަނީ އެ ބަލީގައި ނިޔާވެފައެެވެ.

ތިނަދޫގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާއިރު، އެރަށުގައި ހަރުކަށި ފިޔަވަޅުތަކެއް އެޅީ އިއްޔެ އެވެ.

ކިޔުންތެރިންގެ ހިޔާލު