ރާއްޖެ އިން އިތުރު 212 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 52 މީހުން ފައްސިވީ މާލެ އިންނެވެ. 157 މީހުން އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު ފައްސިވިއެވެ. ހިންގަމުންދާ ރިސޯޓްތަކުން ދެމީހުން އަދި އިންޑަސްޓްރިއަލް ރަށަކުން އެކަކު މިއަދު ފައްސިވިއެވެ.

މިއަދަކީ ފާއިތުވި ތިން ދުވަސް ތެރޭގައި އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ. ނަމަވެސް މިއަދަކީ މިމަހުގެ 18 ވަނަ ދުވަހަށް ފަހު މާލެ އިން އެންމެ މަދުއަދަދެއްގެ މީހުން ފައްސިވި ދުވަހެވެ.

މިއަދު 4959 މީހުން ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. މިއަދު ކޮވިޑަށް ފައްސިވެފައި ވަނީ ޓެސްޓް ކުރި މީހުންގެ %4 އެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބީ 4262 މީހުންނަށެވެ. މީގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 38 މީހުންނަށެވެ. ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު މިހާރު ވަނީ އޭޕްރީލް މަހު ވެސް ދަށަށް ނުދާ މިންވަރަކަށް ދަށަށް ގޮސްފައެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މާލެ އިން މަދުވަމުން ދިޔަ ނަމަވެސް އަދިވެސް އަތޮޅުތެރޭގެ ގިނަ ރަށްތަކުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު