މާލެ އަދި ވިލިމާލޭގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަނެއް ޤާއިމުކުރަން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެސްސީއީސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އާމިނަތު ޝައުނާ އެވެ. އަދި ސީއެސްސީއީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ދިވެހި ރާއްޖޭގެ ގޮފީގެ ޖެނެރަލް މެނޭޖަރ، ޒޭންގ ޓާއޯ އެވެ.
މިއެއްބަސްވުމުގެ ޖުމްލަ އަގަކީ 6 ލައްކަ ދިވެހި ރުފިޔާއެވެ.
މިއީ އެހީދޭ ޖަމާއަތްތައް ކަމަށްވާ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)، ޖޭއެފްފީއާއާރް އަދި ޓީއޭއެސްއެފްގެ އެހީއާއެކު އެންވަޔަރަންމަންޓް މިނިސްޓްރީން ކުރިއަށްގެންދާ ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ފޭސް އެއް ގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
މިމަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ އެއް އަހަރާއި ހަތަރު މަސް ދުވަހުގެ ތެރޭގައެވެ.
މިއެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ، މާލެ އާއި ވިލިމާލޭގައި ވޭސްޓް ޓްރާންސަފަރ ސްޓޭޝަނެއް ޤާއިމުވުމާއެކު، މާލެ އަދި ވިލިމާލެއިން ތިލަފުއްޓަށް ކުނި ގެންދިއުމުގެ ކުރިން ކޮންޓެއިނަރ ތަކުގައި ބެހެއްޓޭނެ ކަމަށާއި މީގެ ސަބަބުން މޫދާއި ކަނޑަށް ކުނި އެޅޭ މައްސަލައަށް ޖުމްލަ ގޮތެއްގައި ދާއިމީ ހައްލެއް ލިބިގެން ދާނެކަމަށެވެ.
މިގޮތުން، ކޮންސްޓްރަކްޝަން ކުނިއާއި، އެހެނިހެން ކުނި ބެހެއްޓޭނީ އެކަމަށް ޚާއްޞަކުރެވިފައިވާ ކޮންޓެއިނަރ ތަކުގައެވެ. އަދި މިކަމުގެ ސަބަބުން، ކުނި ތިލަފުއްޓަށް ގެންދާއިރު ނުބައި ވަސް ދުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން ވެސް، ކުނި ހާމަގޮތެއްގައި ނުބަހައްޓައި، ތެތް އަދި ތެތް ނޫން ކުނިވެސް ވަކިކުރެވި، ކޮންޓެއިނަރ ތަކުގައި ބެހެއްޓުމުގެ ސަބަބުން، މީގެ ކުރިން ހާމަކޮށް ކުނި ބެހެއްޓުމުގެ ސަބަބުން މެއްސާއި ފަނިފަކުސަ ގިނަ އަދަދަކަށް ކުނި ބަހައްޓާ ތަނުގައި ހުރުން ފަދަ ކަންކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ކުރިއަށްގެންދާ ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓްމެނޭޖްމަންޓް ޕްރޮޖެކްޓްގެ މަޤްސަދަކީ ދެމެހެއްޓެނިވި ގޮތަކަށް ކުނި މެނެޖުކުރާނިޒާމެއް ގްރޭޓަރ މާލެ ސަރަޙައްދު އަދި ޒޯން 3 ގެ ރަށްތަކުގައި އެކުލަވާލުމެވެ.
ޗައިނާ ނޫން ބަޔަކު ނެތީތަ؟ ހަމަ ނުލިބުނީ ދޯ؟
އެންމެ ހަ ލައްކަ.ރުފިޔާއިން މާލޭގަ ވޭސްޓް ޓުރާންސްފާ ސުޓޭޝަނެއް ހަދަން ބޭރު ކުންފުންޏަކައް ދީގެން މިއުޅެނީ ކީއްވެބާ.؟
މިވެރިން މާދަމާ ލޭބާރ މުއައްޒަފުންގެ ބަތްޕާރިސަލް ޑެލިވެރީގެޚިދުމަތްވެސް މަހަކު 20،000 ރުފިޔާއަށް ކޮންމެވެސް ބޭރު ކުންފުންޏަކާއި ހަވާލުކޮއްފާނެ. ކޮބާތަ ބުއްދި؟ ކަންކަން ކުރަން ނޭގެންޏާ ގޮސް ގޭގަ ތިބެބަލަ. މިތާގަ ކިތައް ދިވެހި ކުންފުނި އެބައޮތް ތިވަރު ކަމެއް ކޮއްލެވޭނެ މިވަގުތު ކޮވިޑުގެ ސަބަބުން މަސައްކަތެއް ނެތިފަ ދެން މިތިބަ މޮޅުވެގަނެގެން އުޅޭ ތަނެއްދޮރެއް ނޭނގި ތިއްބާ ފާސްނަގައިގެން އައިސް ތިބި ތަސައްރަފު ނުފުދޭ ޖާހިލުން މިނިސްޓުރީތަކުގެ ވެރިންނައް ލީމަ ވާނީ މިހެން. ކޮބާތަ ބުދި އަޅެފަހެ. ؟ ދެން ކަލޭމެންނައް ފިސާރި ރީތިކޮއް ވޯޓު ދޭނަން.