ރާއްޖެ އިން މިއަދު އިތުރު 266 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 41 މީހުން ފައްސިވީ މާލެ އިންނެވެ. 105 މީހުން އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު ފައްސިވިއެވެ. އަދި ތަރައްގީ ކުރަމުންދާ ރިސޯޓަކުން އިތުރު 112 މީހުން މިއަދު ފައްސިވިއެވެ. އޭގެ އިތުރުން ހިންގަމުންދާ ރިސޯޓްތަކުން އަށް މީހުން މިއަދު ވަނީ ފައްސިވެފައެވެ.

112 މީހުން ކޮވިޑަށް ފައްސިވެފައި ވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރ.އަތޮޅު ކޮތައިފަރުންނެވެ.

މިއަދަކީ މެއި މަހުގެ 14 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. ނަމަވެސް މިއަދަކީ ފާއިތުވި ދެމަސް ދުވަހު މާލެ އިން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. މިއަދަކީ މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު 100 އަށްވުރެ ދަށުގައި ހުންނަތާ ދިހަ ވަނަ ދުވަހެވެ.

މިއަދު ވަނީ 5262 މީހުން ކޮވިޑަށް ޓެސްޓް ކޮށްފައެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %5 މީހުންނެވެ.

މިއަދު ކޮވިޑުން ރަނގަޅުވީ 232 މީހުންނެވެ. މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 4295 އަށް އަރައެވެ. މިއަދަކީ ފާއިތުވި މަސް ދުވަހުގެ ތެރޭގައި އެކްޓިވް ކޭސްގެ އަދަދު އިތުރުވި ފުރަތަމަ ދުވަހެވެ. އިއްޔެ ބަލި ޖެހިފައި ތިބީ 4262 މީހުންނަށެވެ.

މިއަދު ކޮވިޑް ބަލި މީހުންގެ އަދަދު އިތުރުވި ނަމަވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ތިބި މީހުންގެ އަދަދު ވަނީ މަދުވެފައެވެ. މިއަދު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަނީ 31 މީހަކަށެވެ. އިއްޔެ 38 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އައެވެ.

މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އަންނައިރު މާދަމާ އަކީ މާލޭގައި ހަރުކަށި ފިޔަވަޅުތައް އެޅިތާ އެއްމަސް ދުވަސް ފުރިހަމަވާ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ދޯނި

  ނަރެއްހައި ތަން ދޫކޮށްލިއްޔާ ކެނބެއްހައި ތަން ދަމައިގަންނާނެ

  17
  3
 2. ހަލީލް

  މުގުނީއަށް ސަލާމަށް ފަހު ފަންނަވަމެވެ. ދާއިރާއިން ކޮވިޑް ޖެހުނީ ކޮން ފިކުރަކަށްތޯ ބަލާލަދީބަލާށޭ

 3. ޢިރަން

  ފުލެޓް ތައް އެގްރިމެންޓް ގެ ސޮއި ކު ރަން އުޅޭތީ އަންނަ މަސް އަންނާތީ ކޮންމެވެސް ގޮތަކަށް އެކަން ހުއްޓުވަން އެއުޅެނީ އަދަދު މައްޗށް ޖައްސާ އަވަހަށް އަންނަ މަސް އަ ންނަން ވާއި ރަށް ކާފިއު އިއުލާން ކުރަން

  2
  1
 4. ،ޔތރ

  ބޮޑުވަރެއްލައިފިއްޔާ ބޮޑުރާޅެއްނަގާނެ

 5. އަހުމަދު

  މިގޮތައް ލޮކްޑައުން ގަ ބާއްވާގެން މި ދައުރު ނިންމާލާ. ލުއި ދީފިނަމަ ޕ.ޕ.މ ގެ މީހުން މަގުމައްޗައް ނިކުމެ މުޒަހަރާ ކޮން އުނދަގޫ ކުރާނެ. ރައްރަށުން ވެސް މީހުން އަންނާނެ މުޒަހރާ ކުރަން.