މިއަދު ރާއްޖެ އިން އިތުރު 178 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މިއަދު ފައްސިވި މީހުންގެ ތެރެއިން 43 މީހުން ފައްސިވީ މާލެ އިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 125 މީހުން ފައްސިވިއެވެ. އޭގެ އިތުރުން ހިންގަމުންދާ ރިސޯޓްތަކުން ހަތް މީހުން އަދި ތަރައްގީ ކުރަމުންދާ ރިސޯޓްތަކުން ތިން މީހުން މިއަދު ފައްސިވިއެވެ.
މިއަދަކީ ފާއިތުވި ފަސް ދުވަސް ތެރޭގައި އެންމެ ގިނަ އަދަދެއްގެ މީހުން މާލެ އިން ކޮވިޑަށް ފައްސިވި ދުވަހެވެ.
މިއަދު 5199 މީހުން ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ފައްސިވެފައި ވަނީ %3 މީހުންނެވެ.
ޖޫން މަސް ނިމެން ކައިރިވެފައި ވާއިރު މަސް ފެށުނުއިރާއި އަޅައި ބަލާއިރު ކޮވިޑްގެ އަދަދުތައް ހުރިވަރަށްވުރެ މިހާރު އަދަދުތައް ވަނީ މަދުވެފައެވެ. މިމަހުގެ ފުރަތަމަ ދުވަހު 767 މީހުން ފައްސިވިއެވެ. އެއީ އެދުވަހު ޓެސްޓް ކުރި މީހުންގެ %13 އެވެ. އެދުވަހު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން 208 މީހުންނަށް ފަރުވާ ދެމުން ގެންދިޔައެވެ.
ނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރަން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އަދަދުތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އަދަދުތައް މަދުވުމުން ސަރުކާރުން މިހާރު ވަނީ ބުރާސްފަތި ދުވަހުން ފެށިގެން ބައެއް ފިޔަވަޅުތަކަށް ލުއިތައް ދޭން ވެސް ނިންމާފައެވެ.