އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަލުން ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.

މިއީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ތިން ވަނަ ފަހަރެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ތިންވަނަ ފަހަރަށް ހުޅުވާލާފައި މިވަނީ، ކުރިން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ނަންތަކަށް މަޖިލީހުން ރުހުން ނުލިބުމުގެ ސަބަބުންނެވެ.

ރައީސް އޮފީހުން މިއަދު އަނެއްކާވެސް ވަނީ އިންފޮމޭޝަން ކޮމިޝަނަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ. ރައީސް އޮފީހުން ވިދާޅުވީ، އެ މަގާމަށް ކުރިމަތިލާ މީހުންގެ ފޯމްތައް ބަލައިގަތުން ކުރިއަށްދާނީ ޖުލައި މަހުގެ 12 އަދި 13 ވަނަ ދުވަހު ހެނދުނު 10:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަމަށެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ޙުސައިން ފިޔާޒް މޫސާ މިދިޔަ މާރިޗު މަހުގެ 21 ވަނަ ދުވަހު އިސްތިއުފާދެއްވާފައިވާތީއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި 13 ޖުލައި 2014 ގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އޮފީހެކެވެ.

ކިޔުންތެރިންގެ ހިޔާލު