އޭނާ ވަޒީރުކަމުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ތެރެއިން ފެށުނީ ކުޅިވަރު އިންތިހާބަކާ ގުޅިގެން ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ކްލަބް ހައުސްގައި ރޭ ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ބައިވެރިވަޑައިގެން މަހްލޫފް ވިދާޅުވީ ޔޫތު މިނިސްޓަރުގެ މަގާމުން ވަކި ކުރުމުގެ މަސައްކަތާއި، ކޮރަޕްޝަންގެ ތުހުމަތު ބޮލުގައި އެޅުވުމަށް އެމްޑީޕީގެ ތެރެއިން ބައެއް މެންބަރުން މަސައްކަތް ކުރައްވަން ފެށުމާއި ކުޅިވަރުތަކުގެ އިންތިހާބުތަކާ ގުޅިފައި އޮތް ކަަން އެނގިވަޑައިގަންނަވާ ކަމަށެވެ. މަހްލޫފް އިޝާރާތް ކުރެއްވި އެ އިންތިހާބަކީ ދާދި ފަހުން ބޭއްވި އެފްއޭއެމްގެ އިންތިހާބެވެ.

އެ އިންތިހާބު އެއްވެސް މީހެއްގެ ނުފޫޒެއް ނެތި އަސާސީ ގަވައިދުތަކާ އެއްގޮތަކަށް ކުރިއަށް ގެންދިއުމުން ހުރިހާ އެސޯސިއޭޝަންތަކުގެ ތައުރީފް ލިބުނުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް އެކަމާ ހިތްނުތަނަވަސްވެ ސިޔާސީ ފަރާތްތައް އޭނާ މަގާމުން ދުރުކުރުމުގެ މަސައްކަތް ފެއްޓެވި ކަމަށާއި، އެކަން ފެށިގެން ދިޔައީ ރައްޔިތުން މަޖިލީހުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ އޭނާގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވައްދަން އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވަރަށް މަސައްކަތް ކުރެއްވި ކަމަށެވެ. އަދި އެއީ އޭނާއާ ވަރަށް ގާތް މެމްބަރުންތަކެއް ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލަ ނުވެއްދުނީ މެމްބަރުންގެ ސޮއި ހަމަނުވުމުން ކަމަށްވެއެވެ.

"އެތަނަށް ހޮވުނީ ކޮންމެވެސް މީހެއްގެ ބޭބެތޯ ކޮއްކޮތޯ ނުވަތަ އެއީ އެމްޑީޕީ މީހެއްތޯ ޕީޕީއެމް މީހެއްތޯ ނުބަލަން. އެއީ އަޅުގަނޑު އިންޓްރަސްޓް ހުރި ކަމެއް ނޫން އެކަން ބަލާކަށް. އެކަން އެގޮތަށް ނުވީމަ ކުއްލިއަކަށް އެއް ރޭ ދަންވަރު ހޭލައި ތިބެގެން މަޖިލީހުން ލިސްޓެއް ހަދައިގެން ދައުވާ ކުރަން ފެންނަ ކަމަށް ނިންމުނީ ހަމައެކަނި އަހުމަދު މަހުލޫފްގެ މައްޗަށް." މިނިސްޓަރު ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ "ނޭނގި ތިބެ ސިޔާސީ ގޮތުން ބޮނޑިއެއް އަޅާލީމަ" އެއްފަރާތަކަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި އޭނާވެސް އެބަޔެއްގެ ގައިގައި ސިޔާސީ ގޮތުން ޖަހާނެ ކަމަށް ވިދާޅުވިއެވެ.

"އެއްވެސް ހާލެއްގައި އެ ބޭފުޅުން ހީފުޅު ކުރައްވައިގެން ނުވާނެ އަޅުގަނޑު ގައިގައި، ނޭނގި ތިބޭ ކަމަށް ހަދާފައި ބޮނޑިއެއް އަޅާލީމަ އަޅުގަނޑު ހަމަ ވަރަށް މަޑުމަޑުން އަރިއަކަށް ޖެހިލާނެ ކަމަށް. އެހެނެއް ނުވާނެ. އަޅުގަނޑު ގައިގައި ސިޔާސީ ގޮތުން ޖެހީމަ، އަޅުގަނޑު ވެސް ސިޔާސީ ގޮތުން ޖަހާނަން" މަހްލޫފް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުގައި މަހްލޫފްގެ މައްޗަށް ދެ ދައުވާއެއް ކުރަން އޭސީސީއިން ޕީޖީ އޮފީހަށް ފޮނުވީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ. ނަމަވެސް ދައުވާ އިތުރަށް ފުރިހަމަ ކުރަން ޕީޖީން އޭސީސީ އަށް އެންގުމުން ފުރިހަމަ ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ކުރުމަށް ފަހު، ހުރިހާ ލިޔެކިއުންތައް ޕީޖީ އޮފީހަށް ފޮނުވާފައި މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުއެވެ.

އެސެޓް ރިކަވަރީ ރިޔާސީ ކޮމިޝަނާއި ޕީޖީ އޮފީހާއި އޭސީސީއާއި ފުލުހުން ގުޅިގެން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަހުގީގު ކުރިއަށް ގެންދާއިރު، އިދާރާތަކުން އެކުލަވާލާފައިވާ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި މަހްލޫފްގެ ނަން އެބަ އޮތެވެ.

އެކަމަކު ޚިޔާނާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް މަހްލޫފް އިންކާރު ކުރައްވައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ާސެެއެސް

    ޖިންނި މޮޔަވާމީހުން ބޭނުމެއްނޫން

  2. ދިވެހިލޭ

    މަޙްލޫފަށް އަދާލަތުން މަރުޙަބާކިޔަން

  3. ޢިޔާބު

    ދެން އެހާ ކަނަބޮޑު ނުވޭ. ލައްކަ ފައިސާ އެބަހުއްޓެއްނު

  4. ާަެެައބދ

    މަޚުލޫފު ތިދިޔައީ ކަލޭގެ ސިޔާސީ މުސްތަގުބަލް . މިސަރުކާރު މިގައުމު އިންޑިޔާއަށް ވިއްކާލި އިރުވެސް ވަޒީފާ ގެއްލިދާނެތީ އަނގައިންނުބުނެ ހުރި ގައުމަށް ގައްދާރުވިމީހެއްތީ ދެން ކަނޑާލާނެ ކަންޔަގީން . އެކަމަކު ހިސްޓްރީ ބަދަލެއްނުވާނެ.

    7
    1
  5. އަލީ ބުނީ

    ޕީޕީއެމް އައް ނުދިޔަޔަސް ނުކާކަމަކައް ނުވާނެ. ޙެސްކިޔާފަ ލިބުނު އިރު ޕީޕީއެމް ވަރެއްނެތް.